މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެގޭޖް ހޭންޑްލިންގް އޮޕަރޭޝަންތަކަށް އިލެކްޓްރިކް ވެހިކަލް (އީވީ) ބެގޭޖް ޓްރެކް ތައާރަފުކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ މި އާ ބެގޭޖް ޓްރެކްޓަރުތައް ތައާރަފުކުރުމަކީ ކުންފުނީގެ ތިމާވެށި ރައްކާތެރިކުރުމުގެ އަމާޒުތަކާ އެއްގޮތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، މި ފިޔަވަޅަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ގައުމެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އެހީތެރިކަމެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.
އަދި ހަމައެހެންމެ އިލެކްޓްރިކް ބެގޭޖް ޓްރެކްޓަރުތައް ބޭނުންކުރުމުން މަސައްކަތުގެ މާހައުލު އިތުރަށް ރައްކާތެރިވެ ގްރައުންޑް ހެންޑްލިންގެ ހިދުމަތް އިތުރަށް ފުޅާވެ އެއާލައިންތަކަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ސަރުކާރުން ދަނީ ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން އެމްއޭސީއެލްގެ މި ފިޔަވަޅުގެ ސަބަބުން އެ މަސައްކަތަށް އެހީތެރިވެދޭނެއެވެ. އަދި މިފަދަ އިތުރު ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިގައިވެސް އަޅަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.