ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި މިނަވަން ކަމާއެކު ތައުލީމް ހާސިލްކޮށް ބަނޑުއިހޫނުކަމާ ކުރިމަތިނުލާ އުޅެމުންދާ ކުދިންނެކޭ އެއްގޮތަށް ދިރިއުޅެން ބޭނުންވާ ކަަމަށް ޕަަލަސްތީންގެ ކުޑަކުދިން ދިން ޕްރެސްއެއްގައި ބުނެފިއެވެ.
ގާޒާގައި ތިބި ފަލަސްތީނުގެ ކުޑަކުދިން ވަނީ އަލްޝިފާ ހޮސްޕިޓަލުގެ ބޭރުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އިޒްރޭލުގެ ބޮމުގެ ހަމަލާތައް ހުއްޓާލުމަށާއި އެކަމާ ދެކޮޅަށް ވަކާލާތު ކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ.
އެ ޕްރެސްގައި މައުލޫމާތު ދިން ކުއްޖާ ވާހަކަ ދައްކަމުން ބުނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަަމަލާގައި ފަލަސްތީންގެ ރައްޔިތުން މަރައި، އެމީހުންގެ ބޮލަށް ބޮން އަޅަމުން އެ ދަނީ މުޅި ދުނިޔެ ކުރިމަތީ ފާޅުގައި ކަމަށެވެ. އިޒްރޭލުން ހަމަލާ ދީ ޝަހީދު ކުރަމުން ދަނީ ހަނގުރާމަވެރިން ކަމަށް ބުނެ ދޮގު ހަދަމުން ކަަމަށް ވެސް އެ ކުއްޖާ ބުންޏެވެ.
އިޒްރޭލުން ދައްކާ ވާހަކަތައް ދޮގު ކުރަމުން އެ ކުއްޖާ ބުނީ، އެމީހުން ޝަހީދު ކުރަމުން އެ އަންނަނީ ގާޒާގެ ރައްޔިތުންނާއި އެ ރައްޔިތުންގެ ހުވަފެންތަކާއި މުސްތަގްބަލް ކަމަށެވެ. ގާޒާގެ ކުޑަކުދިންގެ އުންމީދުތަކާއި އެދުންތައް ހުސްވެއްޖެ ކަމަށެވެ. އެ ކުދިން އަލްޝިފާ ހޮސްޕިޓަލަށް ދިޔައީ އިޒްރޭލުން އަޅަމުންދާ ބޮންތަކުން ސަލާމަތް ވުމަށް ނަމަވެސް ހޮސްޕިޓަލަށް ދިއުމާ އެކު އެ ސަރަހައްދަށް ވެސް ބޮން އެޅި ކަމަށާއި އެތައް ބަޔަކު ޝަހީދު ވެއްޖެ ކަމަށް ބުނެއެވެ.
މި ހަމަލާތައް ފެށުނު ފަހުން ބަނޑުހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ކާބޯތަކެއްޗާއި ފެން ނުލިބޭ ކަމަށް އެ ކުއްޖާ ބުންޏެވެ. އަދި އެކުދިން މި ވަގުތު ބޭނުން ކުރަމުން ދަނީ ރައްކާތެރި ނޫން ފެން ކަމަށާއި އެހެންކަމުން މިއަދު އެއްވެ ތިބީ އަޑު އުފުލަން ކަމަށާއި އެ ކުދިން ހިމާޔަތްކުރަން ދުނިޔެއަށް ވަނީ ގޮވާލާފައެވެ.
އެކުދިން ދިރިތިބެން ބޭނުންވާ ކަމަށާއި މިނިވަންކަން ބޭނުންވާ ކަމަށް ބުނެއެވެ. ފެނާއި ކާބޯތަކެއްޗާއި، ބޭހައި ޒަރޫރީ އެއްޗެހި ބޭނުންވާ ކަން ހާމަކުރަމުން ބުނީ އެހެން ކުދިންނެކޭ އެއްގޮތަށް ދިރިއުޅެން ބޭނުންވާ ކަމަށެވެ. އަދި ގާޒާގެ ކުދިންތައް ޝަހީދު ކޮށްލި މީހުންނަށް ހުކުމް ކުރަން ވެސް ބޭނުންވާ ކަން ހާމަކުރިއެވެ.
ގާޒާގެ ފެނުގެ ހާލަތު ގޯސްވަމުން ދާކަމުގެ އިންޒާރު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތް ތަކުން އެތައް އަހަރެއް ވަންދެން އަންނަނީ ދެމުންނެވެ. 2021 ވަނަ އަހަރު ގްލޯބަލް އިންސްޓިޓިއުޓް ފޯ ވޯޓާ، އެންވާރަންމަންޓް އެންޑް ހެލްތު އާއި ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުން ވަނީ ގާޒާގެ ފެނަކީ "ބޯން ރަނގަޅު ނޫން" ފެނެއް ކަމަށް ބަލައި، އެ ތަނުގެ 97 ޕަސެންޓް ފެން ބޭނުން ނުކުރެވޭ ކަމަށް ބުނެފައެވެ.
ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި އެ ތަނަށް މިހާރު ކަރަންޓު ނުލިބުމަކީ ޑީސެލިނޭޝަން އަދި ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓްތައް ނުހިންގި، ރައްކާތެރި ބޯފެން ލިބުން އިތުރަށް ދަތިވާ ކަމެކެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު އިޒްރޭލުން ވަނީ ގާޒާގެ އުތުރުގައި ހުރި ފެނުގެ ރިޒާވަރަކާއި ދެކުނުގެ ބައެއް އަވަށްތަކަށް ސަޕްލައި ކުރާ ޕަބްލިކް ވޯޓާ ޓޭންކެއް ވެސް ހަލާކު ކޮށްލާފައެވެ. އެހެންކަމުން ގާޒާގެ ރައްޔިތުން ފެނަށް ޖެހި، ބޯފެން ލިބޭނެ ކަމުގެ އުއްމީދުގައި ގިނަ ބަޔަކު ދަނީ ތަޣައްޔަރު ވެފައިވާ، ލޮނުފެން ބޮމުންނެވެ.
ކާބޯތަކެތި ނުލިބި ބަނޑުހައިހޫނު ކަން ތަހައްމަލު ކުރަމުންދާ އެތައްްބަޔަކު ގާޒާގައި ތިބި އިރު، އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ބައެއްގެ ގެތައް ވަނީ ހަލާކުވެފައެވެ. ރެފިއުޖީ ކޭޕްތަކުގައި 1.7 މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އިޒްރޭލުން އެތަންތަނަށް ވެސް އަންނަނީ ހަމަލާ ދެމުންނެވެ. މީގެ އިތުރުން އާންމުން ހިމާޔަތް ހޯދުމަށް ގޮސް ތިބި ހޮސްޕިޓަލްތަކާއި ސްކޫލަތަކަށް ވެސް އިޒްރޭލުން އަަންނަނީ ހަމަލާ ދެމުންނެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާގައި ފަލަސްތީނުގެ 10،328 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 4600 އެއްހާ ކުޑަކުދިން ހިމެނެއެވެ.