ޔަހުދީ އިޒްރޭލުގެ ނިޔަތަކީ ގާޒާ ހިސޯރު ކުރުން ކަމަށް އެކްސްޕާޓުން ބުނެފައި ވަނިކޮށް އެކަން ކުރަނީ އެގޮތަށް ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.

އޭބީސީއަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ، ގާޒާ ފުނޑުނުނޑު ކޮށްލުމަށް ފަހު އެތާނގެ ސެކިއުރިޓީ ބަލަހައްތާނީ އިޒްރޭލުން ކަމަށެވެ. އަދި އެކަން ދިގު މުއްދަތަކަށް އޮންނާނެ ކަމަށް ވެސް ބުނެފައި ވެެއެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާގެ އާންމުންނާއި އަންހެނުން އަދި ކުޑަކުދިންގެ ތެރެއިން އެތައް ހާސް ބަޔަކު ޝަހީދު ކޮށްލައި ގާޒާ ސަހަރާއަކަށް ހަދަމުން ދާއިރު، ހަނގުރާމައިގެ ފަހުން އަމަލު ކުރާނެ ގޮތް އޭނާ ހާމަ ކުރި މިއީ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން، ޔަހުދީ ބައެއް މިނިސްޓަރުންނާއި އެމެރިކާއިން އިޝާރާތް ކުރަމުން ދިޔައީ، ގާޒާ ފުނޑާލުމަށް ފަހު އެތާނގެ ބަލަދުވެރިކަން ފަލަސްތީނުގައި މިހާރު އޮތް ސަރުކާރާ ހަވާލުކުރުން ރަނގަޅު ކަމަށެވެ. އަދި މި ހަފްތާގައި އެމެރިކާގެ ހާރިޖީ ވަޒީރާއި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް އާ ދެބޭފުޅުން ބޭއްވި ބައްދަލުވުމުގައި ވެސް، ގާޒާ އާ ހަވާލުވާން ތައްޔާރު ކަމަށް އައްބާސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް އިޒްރޭލުގެ މައްޗަށް ބަސް ކިޔާ، ހަނގުރާމަ ހުއްޓާލަން ބުންޏަސް ގަބޫލު ނުކުރާ ޔަހޫދީ ބޮޑުވަޒީރު ބުނީ، ގާޒާ ދޫކޮށްލާފައި އޮތުވުން ވީގޮތް ފެނިއްޖެ ކަމަށާއި ހިތައްވެސް ނުގެނެވޭވަރަށް ހަމާސް ވާރުގަދަވެގެން ދިޔަ ކަމަށެވެ.

ނަތަންޔާހޫ ބުނީ، ހަނގުރާމަ ހުއްޓާނުލާނެ ކަމަށާއި ހަމާސްގެ ދުވަސް ދުއްވާލާނެ ކަމަށެވެ. ހަނގުރާމަ ފެށިފަހުން 1 މަސް ވެގެން ދިޔަ އިރު ޝަހީދުވި މީހުންގެ އަދަދު ވަނީ 10 ހާސް ފަހަނައަޅާ ގޮސްފައެވެ.

ހަމަލާގެ އަމާޒަކީ ހަމާސް ކަމަށް ބުނި ނަމަވެސް ޔަހޫދީން ހަމަލާދީ ޝަހީދު ކުރަމުން ގެންދަނީ ގާޒާގެ އާންމު ރައްޔިތުންނެވެ.

އެއާއެކު ގާޒާ ހިފާ އަޅުވެތި ކޮށްފާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ގެންދަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވިދާޅުވެފައި ވަނީ އެގޮތަށް އަޅުވެތި ކުރުމަކީ އިޒްރޭލުން ހަދާ މިސްޓޭކަކަށް ނޫނީ ނުވާނެ ކަމަށެވެ.

ނަމަވެސް ނަތަންޔާހޫ ބުނީ، އެއީ އެކަން ކުރަން އޮތް ގޮތް ނޫން ކަމަށާއި ހަމާސް ނައްތާލައި، ހަމާސް އިން އަސީރު ކުރި މީހުން މިނިވަން ކުރާނެ ކަމަށެވެ. އަދި ހަމަލާތައްވެސް ހުއްޓާނުލާނެ ކަމަށާއި ނަމަވެސް ދޭތެރެއަކުން ގަޑިއެއްހާއިރުގެ ހުއްޓުމެއް ގެނެސްފާނެ ކަމަށެވެ.

"ހާލަތަށް ބަލައި ކާބޯތަކެތި ވައްދަން މަޑުކޮށްލަ ފާނަން، ނޫނީ އަހަރެމެންގެ މީހުން [އަސީރުން] ނެރެން"
ނަތަންޔާހޫ

އެނޫން ގޮތެއް ނޯންނާނެ ކަމަށާއި ގާޒާ ފުނޑުފުނޑު ކޮށްލުމަށް ފަހު ދެން ގާޒާ އޮންނާނީ އިޒްރޭލުގެ ދަށުގައި ކަމަށް އޭނާ ބުނެއެވެ.

އާންމުން މަރުވާ މައްސަލަގައި ނަތަންޔާހޫ ބުނީ، އާންމުންގެ މީހަކު މަރުވުމަކީ ހިތާމައެއް ކަމަށާއި ނަމަވެސް ހަމަލާތަކުގައި ޝަހީދުވެގެން ދާ މީހުންގެ ތެރޭގައި ގިނައީ ހަމާސްގެ މެންބަރުން ކަމަށެވެ. އޭނާ އެހެން ބުނި އިރު، ޝަހީދު ކޮށްލި 10002 މީހުންގެ ތެރޭގައި 4000 ކުޑަކުދިން ހިމެނޭ އިރު ދެން ގިނައީ އަންހެނުންނެވެ.