އެކުވެރި ދައުލަތްތަކުގެ (ޔޫއެން) އިންސާނީ ހައްގުތަކާ ބޭހޭ ކައުންސިލްގެ 63 ވަނަ އާންމު ބައްދަލުވުން ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށް ދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ގައުމީ ބަޔާންތައް އިއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން 2026 އޮކްޓޫބަރު 7 ގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުން ހުޅުއްވައިދެއްވީ ޔޫއެންގެ ހިއުމަން ރައިޓްސް ހައިކޮމިޝަނާ ފޯކާ ތާކްކަމަށެވެ. ވޯކާ ތާކްގެ އިފްތިތާހީ ތަގުރީރުގައި ވަނީ ދުނިޔޭގެ އިންސާނީ ހައްގުތަކުގެ މަޝްރަހުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި އިސްކަންދޭ ދާއިރާތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ބައްދަލުވުމުގެ ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ދިވެހިރާއްޖެއިން ގައުމީ ބަޔާންތައް އިއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ ތެރޭގައި ތަރައްގީވުމުގެ ހައްގާ ބޭހޭ ހާއްސަ ރެޕަޓާ އަދި މިޔަންމާއާ ބޭހޭ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމްއާއެކު ބޭއްވޭ އިންޓަރެކްޓިވް ބައްދަލުވުންތަކުގެ އިތުރުން، ފަލަސްތީނާއި އަރަބި އެހެން ސަރަޙައްދުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ވަކާލާތުކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަދި ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އިންފޯމަލް ގްރޫޕްގެ މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އިސްކަންދޭ ދާއިރާތަކާ ގުޅޭ ގުޅިފައިވާ ބަޔާންތަކުގައި ރާއްޖެއިން ބައިވެރިވާނެކަމަށެވެ.

އެކުވެރި ދައުލަތްތަކުގެ އިންސާނީ ހައްގުތަކާ ބޭހޭ ކައުންސިލަކީ މުޅި ދުނިޔޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރާ 47 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ މަޖިލީހެކެވެ.