ރަސްމާލެ މަޝްރޫއުގެ ދަށުން އިޒްރޭލުގެ ރައްޔިތުންނަށާ، އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް އެއްވެސް ޕްރޮޕަޓީއެއް ނުގަނެވޭނެހެން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެއާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތަކުގެ ބޮޑު ބައެއް އަމާޒުވެފައިވަނީ، ބިމުގެ އަގަށާއި ކުއްޔަށް ދޫކުރާ މުއްދަތަށް ނޫންކަމަށާއި އެއީ ފަލަސްތީނާ މެދު އޮތް ކަންބޮޑުވުމެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން ފާއިތުވި ދުވަސްތަކުގައި ތަހައްމަލުކުރަމުންދާ ކަންކަމާއި، މިއަދުވެސް ކުރިމަތިލާންޖެހިފައިވާ ނުފޫޒާއި އަނިޔާވެރިކަމުގެ އިތުރުން ގާޒާގައި ހިންގާ ގަތުލުއާންމާ މެދު ދިވެހިންނަށް ފުން އިހުސާސްތަކެއް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުވެސް އެ އިހުސާސްތަކުގައި ބައިވެރިވަން. އެ ކަންބޮޑުވުންތަކަށް ޖަވާބު ބޭނުންވޭ. އަދި އެއީ އަޅާނުލައި ދޫކޮށްލެވޭނެ ކަންކަމެއް ނޫން. ނަމަވެސް ޖަވާބު ފެށެންވާނީ އަޅުގަނޑުމެން މި ދައްކަނީ ކޮން ވާހަކައެއްކަން ސާފުކޮށް އެނގިގެން" މިނިސްޓަރު ލިންކްޑްއިންގައި ލިޔުއްވާފައިވެއެވެ.
މި ލިޔުމުގައި މިނިސްޓަރު ވިދާޅުވީ ފަލަސްތީނާ މެދު ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެސް މި މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ބިން އެއްކޮށް މިލްކު ނުކުރެވޭނެ ކަމަށާއި، ބިން ދޫކުރާނީ ހަމައެކަނި ހުއްދަދެވޭ ފަރާތްތަކަށް ކުއްޔަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ތެރެއިން އިޒްރޭލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޕްރޮޕަޓީ ގަންނަ ފަރާތްތަކާ، ހިއްސާދާރުންނާ، ފައިނޭންސްކުރާ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންގެ ތެރޭގައި ވެސް އިޒްރޭލާއި ގުޅުންހުރި އެއްވެސް ފަރާތެއް ނުހިމެނޭކަން ކަށަވަރުކުރާނެ ކަމަށެވެ. އަދި ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެ މީހުންގެ މިހާރުގެ ނުވަތަ ކުރީގެ ހުރިހާ ގައުމެއްގެ ރައްޔިތުކަން ހާމަކުރަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރު ވިދާޅުވީ މައުލޫމާތު އޮޅުވާލައިފިނަމަ އެއްބަސްވުން ބާތިލުކޮށް، ޕްރޮޕަޓީ ދައުލަތަށް ނެގުމާއެކު ދައްކާފައިވާ ފައިސާ ވެސް އަތުލެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި ވަކި ގައުމެއްގެ ބަޔަކަށް ނުވަތަ ފަރުދަކަށް ގަނެވޭނެ ޕްރޮޕަޓީގެ އަދަދު ލިމިޓުކުރުމުގެ އިތުރުން ރަސްމާލޭގެ ކޮންމެ ފިޔަވައްސަކުން ވެސް ދިވެހިންނަށް އިސްކަންދީގެން ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބިދޭސީންނަށް ކަނޑައަޅާ ލިމިޓުތައް ދިވެހިންނަށް ނޯންނާނެ ކަމަށެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
