ސުޕްރީމް ކޯޓަށް އެމްޑީޕީން މައްސަލަ ހުށަހެޅީ ގާނޫނުއަސާސީ އާ ހިލާފަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ނިންމުން އެ ކޯޓަށް ނުބެލޭނެ ކަމަށް، ސުޕްރީމް ކޯޓުގައި ޑިމޮކްރެޓުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ވައްދާފައިވާ ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުދާތީ، އެމްޑީޕީން ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން ވަނީ މިހާރު ފަށައިފައެވެ.

މިހާރު ކުރިއަށްދާ އަޑުއެހުމުގައި ޑިމޮކްރެޓުންގެ ފަރާތުން ވަކީލު އަބްދުﷲ ޝާއިރު، ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އާއި 95 ވަނަ މާއްދާ އާ ހަވާލާދެއްވައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިހްތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް ބުނެ، އެމްޑީޕީން ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނެތް ހިނދު މަޖިލީހުގައި ކަންކަން ހިނގި ގޮތުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލައެއް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ މައްސަލަ ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބުނާ ގޮތުން:

  • މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމާއި ޖަލްސާތަކާބެހޭ ކަންކަން ބަލަހައްޓައި އެކަމާ ގުޅޭ ގަވައިދުތައް ހަދާނީ މަޖިލީހުން، އޭގެ ތެރޭގައި މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި މުސާރައިގެ އޮނިގަނޑު ކަނޑައެޅުން ހިމެނޭ
  • އެހެން ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންނުކުރުހާ ހިނދަކު މަޖިލީހުގެ ކަންކަން ހިނގި ގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ

ހަމަ އެހެންމެ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުން، ގާނޫނުގައި ކަން އޮތް ގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމް ކޯޓަށް ހުށަހެޅިދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތަކާ ގުޅުންހުރި ކަންކަމުގައި ލަފާ ހޯދުމަށް ހުށަހަޅާ ގަރާރުތައް ކަމަށް އެ މާއްދާގައި ވެއެވެ.

ޑިމޮކްރެޓުންގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ ރައީސަށް ލިބިދޭ ބާރުތައް މަޖިލީހުގެ ނައިބު ރައީސަށް ލިބިގެންވާ ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތުން ކަނޑައަޅާ ފަސް މެންބަރުންނަކަށް ހުރިހާ ބާރުތަކެއް ފުރޮޅިގެން ނުދާނެ ކަމަށެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުދާތީ އީވާ ނޫން މެންބަރަކު ރިޔާސަތު ބަލަހައްޓައިގެން ވިޔަސް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

ޑިމޮކްރެޓުންގެ އިތުރުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓުގައި މިހާރު މި ހިނގާ މައްސަލައަށް ތަދައްހުލުވެފައެވެ.