ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީގައި ކުރިއަށް ދާ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

17 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކުރިއަށް ދާނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގެ ޝަންގްރިއްލާ ހޮޓެލުގައެވެ.

މިކޮންފަރަންސް ގައި ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީ އާއި ޓެކްނޮލޮޖީގެ ދައުރާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެ ލިބިފައިވާ ޖަޒީރާ ގައުމުތަކަށް ލިބިދާނޭ ގެއްލުންތަކާއި އަދި އެކަން ކަމަށް ހޯދޭނޭ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްލޯބަލް ސިޓީޒަންޝިޕްގެ ގާނޫނުތަކާއި ގަވައިދުތަކާ ބެހޭ އޮނިގަނޑު އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދާނެއެވެ.

މި ކޮންފަރެންސްގައި ރައީސް ނަޝީދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވާއިރު، އެމަނިކުފާނުގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންފަރަންސް ނިމުމުން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ.