އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގައި ފެން ހޮޅިތަކުގެ މަސައްކަތެއް ކުރުމަށްޓަކައި އެ ސަރަހައްދުން ހަ ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، "މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އަމީނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރާ ސަރަހައްދަކީ އަމީނީ މަގުގައި މުނި ހޯމް ކެއާ ފާނިޗާ ހުންނަ ސަރައްހައްދެވެ.

އެހެންކަމުން، ރިޔާސީ ހިނގުމާއި އިއްޒުއްދީން ހިނގުމާ ދެމެދުން އަމީނީ މަގުގައި ހިމެނޭ ގޭބިސީތަކުން މިރޭ 11 އިން ފެށިގެން ފަތިހު 5 އަށް ފެން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޒަމާނީ ފެންވަރަކަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވެ، އާރުޑީސީން މިދިޔަ ސެޕްޓެމްބަރު މަހުގެ 12 ގައި އެ މަސައްކަތް ފަށާފައި ވަނީ 210 ދުވަހުގެ ތެރޭގައި އަމީނީ މަގު ތަރައްގީކޮށް ނިންމާލާ ގޮތަށެވެ. 84 މިލިއަން ރުފިޔާ އަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީ އާ އެ މަސައްކަތް ހަވާލުކުރީ 39 މިލިއަން ރުފިޔާ އަށް ސިޓީ ކައުންސިލުން އަމީނީ މަގު ހަދައިދޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ނަމަވެސް އަމީނީ މަގުގެ މަސައްކަތް ނުނިމި، އެ މަސައްކަތަށް އިތުރު 210 ދުވަސް ވަނީ އިތުރުކޮށްފައެވެ. އެހެންކަމުން އެ މަސައްކަތް ދެން ނިމޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.

މާލޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް މަގު ކަމަށްވާ އަމީނީ މަގުގެ މަސައްކަތްތައް ލަސްވެ، އާންމުންނަށް ދަތިތަކާ ކުރިމަތިވެފައި ވާތީ، އަދިވެސް އާންމުން ދަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންނެވެ.