މައްސަލައިގެ ލިޔެކިއުންތައް ލިބިފައިވަނީ ލަހުން ކަމަށާއި، އެހެންވެ އަޑުއެހުމަށް ތައްޔާރުވާން އިތުރު ވަގުތު ދިނުމަށް ޑިމޮކްރެޓުން އެދިފައިވާތީ، ޑިމޮކްރެޓުންގެ ފަރާތުން ހުށަހަޅާ ނުކުތާތައް ހުށަހަޅަން ސުޕްރީމް ކޯޓުން ފުރުސަތު ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، މިއަދު މެންދުރުފަހު 1:30 އާ ހަމައަށް އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

ނަމަވެސް ޑިމޮކްރެޓުންގެ ހުށަހެޅުންތައް ހުށަހަޅަން ދިން ފުރުސަތުގައި އެ ޕާޓީ ތަމްސީލުކުރައްވާ ވަކީލު އަބްދުﷲ ޝާއިރު ވަނީ އިތުރު ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ.

ޝާއިރު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ލިޔެކިއުންތައް ޑިމޮކްރެޓުންނަށް ލިބުނީ ރޭ 10:30 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލައިގެ ލިޔެކިއުންތައް ލިބުމުން އެ ލިޔެކިއުންތައް ދިރާސާކުރެއްވި އިރު ގިނަ ކަންކަން އިސްލާހުކުރަން ޖެހުނު ކަން ފާހަގަކުރެއްވުނު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހްތިސޯސެއް ސުޕްރީމް ކޯޓަކަށް ލިބިގެން ނުވެއެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓުންގެ ފަރާތުން އިތުރު ހުށަހެޅުންތައް ހުށަހަޅަން ބޭނުންވާ ކަމަށާއި، އެހެންކަމުން އެ ޕާޓީން އެދެނީ އެ ހުށަހެޅުންތައް ހުށަހެޅުމަށް މާދަމާގެ އަޑުއެހުމުގައި ފުރުސަތު ދިނުމަށެވެ. ޝާއިރު ފާހަގަކުރެއްވި ގޮތުގައި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ނުލިބުމުން ކަންކަން ހުށަހެޅީ މީޑިއާ އިން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، ކަންކަން އަންދާޒާކުރުމަށްފަހު ގައެވެ.

އެއާއެކު ފަނޑިޔާރު މަހާޒް ވަނީ ލިޔެކިއުންތަކުގެ ތަފްސީލުތައް މިރޭ ހުށަހެޅޭނެތޯ ސުވާލުކުރައްވައިފައެވެ. ޝާއިރު ވަނީ ލިޔެކިއުންތަކުގެ ތަފްސީލުތައް މިރޭ 12 ގެ ކުރިން ހުށަހެޅޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެހެންކަމުން ޑިމޮކްރެޓުންގެ ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލުމުގެ ކުރިން މަހާޒް ވަނީ މި މައްސަލައަކީ ފުރަތަމަ މަރުހަލާގައި ބަލާ މައްސަލައެއްކަމަށް ވިދާޅުވެ، މައްސަލައަކީ ހައްސާސީ މައްސަލައެއްކަން ފާހަގަކުރައްވައިފައެވެ.