ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓައިޒްކޮށް، ޝާއިއު ކޮށްފިއެވެ.

އެ ލިސްޓް ޝާއިއުކުރީ ކުޑަކުދިންނަށް ޖިންސީީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިއު ކުރުމުގެ ދަށުންނެވެ. ޑިޖިޓަލައިޒޭޝަންގެ އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އިއްޔެ ޖެންޑާ މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.

އެ ލިސްޓު އަޕްޑޭޓް ކުރުމުގެ މަސައްކަތުގައި ޕީޖީގެ ފަންނީ އެހީތެރިކަން، ފޯރުކޮށްދީފައި ވާއިރު ކޯޓުން ހުކުމެއް ކުރުމާއެކު އެ ހުކުމާބެހޭ މައުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ފޯރުކޮށްދެމުން ދާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ލިސްޓު މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައި ވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުން ކަމަށާއި އެ ލިސްޓުގައި ކުށްވެރިންގެ މައުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެ ކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެ ބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް އެކި ފިލްޓަރު ތަކުން މީސްމީހުންގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށެވެ.

މިނިސްޓްރީއިން ބުނީ އެ ލިސްޓު އިތުރަށް ފުރިހަމަ ކުރުމަށް ނުވަތަ ލިސްޓާބެހޭ ގޮތުން ހިޔާލެއް އޮތްނަމަ އީމެއިލް ކޮށްދެއްވުމަށް އެދޭ ކަމަށެވެ.