ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމް-ޕީއެންސީން ތަދައްހުލްވާން ނިންމައިފިއެވެ.

މި މައްސަލައިގެ ތެރެއަށް ވަންނަން ނިންމީ އެ ޕީޕީއެމް/ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްގެ އިތުރުން ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ތަދައްހުލުވާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެ ވަޑައިނުގަތުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ.

އާދީއްތަ ދުވަހު އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހޯމަ ދުވަހު ބަލައިގަނެ، އެ ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ނިންމައިފައެވެ. ކޯޓުން ވަނީ އެ މައްސަލައިގެ ޗިޓު މިހާރު ފޮނުވައިފައެވެ.

ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާތީ ވޭތުވެދިޔަ ދުވަސްތަކުގައި އީވާ ސަލާމް ވިދާޅުވުމުން، ނަޝީދު ވަކިކުރުމުގެ މައްސަލަ ތިން ފަހަރަށް އެޖެންޑާކުރުމަށް ފަހު ވެސް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ. ނަމަވެސް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައެއް ނެތެވެ.

އެހެންވެ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ބުނަނީ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، ރިޔާސަތު ބަލަހައްޓާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެއްޖެ ނަމަ، ރިޔާސަތު ބަލަހައްޓަން ފަސް މެންބަރުން ކަނޑައަޅަން ވާނެ ކަމަށެވެ.

ހަމަ އެ މާއްދާގައި ވާ ގޮތުން، ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅަން ވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި މެންބަރުންނަށް ބެލުމަށްފަހުގައެވެ. މުއްދަތު ހަމަހަމަ ނަމަ ދެން އިސްކަން ދޭނީ އުމުރަށް ކަމަށް އެ މާއްދާގައިި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން ކޮންމެ މެންބަރަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ދުވަހަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމޭހާ ހިނދަކު މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށެވެ.