ރީޖަނަލް އެއާޕޯޓްސްގެ މިހާރުގެ އެމްޑީ އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އަހްމަދު މުބީނަކީ ދުނިޔޭގައި ހުންނެވި ބޭފުޅެއްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެންނެވި ނަމަވެސް އެމަނިކުފާނު ޖަލުގައި އޮންނެވި އިރު އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި މުބީން އުޅުއްވި މަންޒަރުތައް ފޮޓޯއިން މުބީން ހާމަކުރައްވައިފިއެވެ.

އިއްޔެ ރޭ ޕީއެންއެފްގެ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަމުން ޔާމީން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޓީމުން 'އިންޑިއާ އައުޓް' ހަރަކާތް ފަށާ މުޅި ރާއްޖޭގައި އެ ކެމްޕެއިން ކުރިއަށް ގެންދިޔަ އިރު މުބީން ހުންނެވީ އޮޑިން ފުންމާލައްވައިގެން ވަޑައިގެން މާ ދުރުގައި ކަމަށެވެ.

އިންޑިއާ އައުޓަކީ ރައީސް ޔާމީންގެ އެކަނި ފިލޯސަފީއެކޭ ވިދާޅުވެ މުބީން ވާހަކަ ދެއްކެވި އިރު އޭނާއަކީ ދުނިޔޭގައި ހުންނެވި ބޭފުޅެއް ކަން ވެސް އެންގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭނާއަކީ އޭރުގައި ޕާޓީ އާއި ފަލްސަފާ ކަމުނުގޮސްގެން ގޮސް މުޅިން އެހެން ދިމާއެއްގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ޔާމީން ސިފަ ކުރެއްވިއެވެ. އެހެން ކަމުން އިންޑިއާ އައުޓް ފެށިގެން އައި ގޮތާ ބެހޭ އެއްވެސް ވާހަކައެއް ދައްކަވަން މުބީނަށް އެނގިވަޑައި ނުގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މުބީން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަކީ ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އޮންނަ އިހުތިރާމެއްގެ ސަބަބުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރައްދެއް ދެއްވަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލުގައި އޮންނެވި ދުވަސްވަރުގައި އެމަނިކުފާނުގެ ހައްގުގައި ކުރެއްވި ބައެއް މަސައްކަތް ހަނދާން އާ ކުރައްވައި މުބީން ވަނީ ފޮޓޯތަކެއް ހިއްސާ ކުރައްވާފައެވެ.

އެ ފޮޓޯތަކުން ފެންނަނީ މުޒާހަރާއަކުން މުބީން ހައްޔަރު ކުރި ދުވަހާއި، ޕޯޑިއަމެއްގައި ވާހަކަ ދައްކަވަން ހުންނަވާ ތަނާއި، ރައީސް ޔާމީނަށް ދޭ އަނިޔާ ހުއްޓާލުމަށް ގޮވާލައި ކުރި މުޒާހަރާއެއްގައި މުބީން ހުންނެވި މަންޒަރުތަކެކެވެ.

އިންޑިއާ އައުޓް ކެމްޕެއިން ފެށިގެން އައި ގޮތް ވިދާޅުވާން މުބީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނީ މެންދުރު ޓީވީން ގެނެސްދިން 'މައުޟޫ' ޕްރޮގްރާމުގައި މުބީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިދިކޮޅު ފަރާތްތަކަށް މާޔޫސްކަން ލިބުނު ކަމެއް ކަމަށާއި އެންމެ ބޮޑު ސަބަބަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ރާއްޖެއަށް މި ދަތުރުން އެތައް މަންފާއެއް ހާސިލްވުމުން ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ.

މުބީން ވިދާޅުވެފައި ވަނީ، 'އިންޑިއާ އައުޓް' އަކީ ޔާމީންގެ އުފެއްދުމެއް ކަމަށާއި އެހެން ބޭފުޅުން ފާޅުކުރަމުން ދިޔަ ޝިއާރަކީ އިންޑިއާގެ މިލިޓަރީ ރާއްޖެއިން ފޮނުވާލުމަށް ފާޅުކުރަމުން ދިޔަ ޝިއާރެއް ކަމަށެވެ.