ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ރަޝީދު (ރަޝީދުބެ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އެކަން ޕީއެންސީއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ހަ ކެންޑިޑޭޓަކު ވާދަކުރިއިރު އޭގެ ތެރޭގައި މިހާރުވެސް އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު (މޮސްޓާ) ހިމެނިވަޑައިގަންނަވައެވެ. ރަޝީދުބެ މި އިންތިހާބު ކާމިޔާބުކުރެއްވިއިރު 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރަޝީދުބެ ވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާފައެވެ.

ރަޝީދުބެ ޕީއެންސީއަށް ސޮއިކުރެއްވުމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރާނެ މެންބަރުންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.

ނިމިދިޔަ އިންތިހާބުގައި ޕީއެންސީގެ 66 މެންބަރަކު ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރައްވާފައިވާއިރު އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި 11 ކެންޑިޑޭޓުންގެ ތެރެއިން 7 ކެންޑިޑޭޓަކު ވަނީ އޭގެ ފަހުން ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ރަޝީދުބޭގެ އިތުރުން ދެން ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމާއި މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު، އަދި މިހާރުވެސް އެ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ ހަސަން ޒަރީރާއި މައްޗަންގޯޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ޒަމީރާއި ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ރިޔާޒާއި ނައިފަރު ދާއިރާގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ.

މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެންބަރަކު ހިމެނޭއިރު ސުޕަ މެޖޯރިޓީގެ އަދަދު 77 އަށް އަރައެވެ.