ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ އަށް ގޮވާލައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ އިދާރާގައި ސުލްހަވެރި އިހުތިޖާޖެއް ކޮށްފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގެ އިދާރާގައި މިއަދުގެ ވަގުތެއްގައި އިހްތިޖާޖުކޮށްފައި ވަނީ، ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދަށް ވެސް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފައި ވަނިކޮށެވެ.

އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށް މިއަދުގެ އިތުރުން މިދިޔަ އާދީއްތަ ދުވަހަށާއި ހޯމަ ދުވަހަށް ވެސް ޖަލްސާތައް ތާވަލުކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމުގެ ސަބަބުން ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ އިދާރާގެ ބޭރުގައި އަދި އެތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ކުރި އިހުތިޖާޖުގައި ވަނީ، ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށާއި އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އަށް ތަބާވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ބެނާ އެއް ހިފައިގެން ޝުއޫރު ފާޅުކޮށްފައެވެ.

މަޖިލީހުގެ އިދާރާގެ އެތެރޭގައި އެމްޑީޕީގެ މެންބަރުން އިހްތިޖާޖުކުރަނީ / ފޮޓޯ: މުހައްމަދު ޝިފާއު

މީގެ އިތުރުން، އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ އެއް ބާއްވައިދިނުމަށް، މަޖިލީހުގެ އިދާރާގައި އެދިފައެވެ. މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ދަ ޕްރެސް' އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާ އެއް ބާއްވައިދިނުމަށް އެދި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ހުށަހެޅުން ލިބިފައިވާ ކަމަށާއި، ޖަލްސާ މާދަމާ ބާއްވާނެ ކަމަށެވެ

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ އެއް ބާއްވައިދިނުމަށް އެމްޑީޕީގެ މެންބަރުން އެދުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އަށް ވެސް ސަލާމް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ބާއްވަން ތާވަލުކުރި ޖަލްސާގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށް ބާއްވަން ތާވަލުކުރި ޖަލްސާތައް ކެންސަލްކުރަން ޖެހުނީ އީވާ ސަލާމް ވިދާޅުވުމުގެ ސަބަބުންނެވެ.

އެ މައްސަލައިގައި އެމްޑީޕީން ވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

ސުޕްރީމް ކޯޓުން ވަނީ އެމްޑީޕީން އާދީއްތަ ދުވަހު ހުށަހެޅި މައްސަލަ ބަލައިގަނެ، ހޯމަ ދުވަހު އެ މައްސަލައިގައި އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައެވެ.