ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެޖެންޑާކޮށް ޖަލްސާ އެއް ބާއްވައިދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެއެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާ އެއް ބާއްވައިދިނުމަށް އެމްޑީޕީގެ މެންބަރުން އެދިފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ އަށް ވެސް ސަލާމް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ބާއްވަން ތާވަލުކުރި ޖަލްސާގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށް ބާއްވަން ތާވަލުކުރި ޖަލްސާތައް ކެންސަލްކުރަން ޖެހުނީ އީވާ ސަލާމް ވިދާޅުވުމުގެ ސަބަބުންނެވެ.

މި މައްސަލައިގައި އެމްޑީޕީން ވަނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސެވެ. ނަމަވެސް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް އެ މާއްދާގައި ބަޔާންކޮށްފައެއް ނެތެވެ.

އެހެންވެ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ބުނަނީ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، ރިޔާސަތު ބަލަހައްޓާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށެވެ. އެ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އުޒުރުވެރިވެއްޖެ ނަމަ، ރިޔާސަތު ބަލަހައްޓަން ފަސް މެންބަރުން ކަނޑައަޅަން ވާނެ ކަމަށެވެ.

ހަމަ އެ މާއްދާގައި ވާ ގޮތުން، ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅަން ވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި މެންބަރުންނަށް ބެލުމަށްފަހުގައެވެ. މުއްދަތު ހަމަހަމަ ނަމަ ދެން އިސްކަން ދޭނީ އުމުރަށް ކަމަށް އެ މާއްދާގައިި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން ކޮންމެ މެންބަރަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ދުވަހަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން އެ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމޭހާ ހިނދަކު މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެ ކަމަށެވެ.