މިހާރު ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ނުނިންމައި، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓު ހުށަހަޅާތީ އެ މަސައްކަތަށް އެއްބާރުލުން ނުދޭނެ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ މިއަދުގެ ވަގުތެއްގައި ކުރިއަށް އޮތް ދެ ދުވަހުގެ އެޖެންޑާ އާންމުކޮށްފައެވެ. ކުރިއަށް އޮތް ދެ ދުވަހުގެ އެޖެންޑާ އިން ދައްކާ ގޮތުން:

  • އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓާއި މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓްރީ ބަޖެޓު މާދަމާ ހުށަހަޅާނެ
  • ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ބުދަ ދުވަހު ކުރިއަށް ގެންދާނެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް 'ދަ ޕްރެސް' އަށް ވިދާޅުވީ، މަޖިލީހުގައި ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.

ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކެންސަލްކުރުމަށް މަޖިލީހުގެ އިދާރާ އިން ނިންމީ ގަވައިދާ ހިލާފަށް ކަމަށް ނިންމުމަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އުންމީދަކީ އެ މައްސަލަ އަށް ހައްލެއް ލިބުން ކަމަށާއި، މަޖިލީހުގެ ގަވައިދު އެކުލަވާލެވިފައި ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދާ ފަދަ ގޮތަކަށް ނޫން ކަމަށެވެ.

"އެގޮތުން ބަލާއިރު މިސާލަކަށް މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމާ ދޭތެރޭގަ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތި އެފަދަ މައްސަލައެއް ހުށަހެޅުނީމަ އެ މައްސަލައެއް ދުވަހަކު ވެސް ކުރިއަށް ނުދާ ގޮތަކަށް އޮވެގެން ނުވާނެ،" މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މަޖިލީހުގައި މަސައްކަތްތައް ދެން ކުރިއަށް ދާނީ ނަޝީދުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ. އެ މައްސަލަ ނުނިންމައި މަޖިލީހުގައި ކުރިއަށް ގެންދާ މަސައްކަތްތައް މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ވިދާޅުވެ ރޮޒައިނާ ވިދާޅުވި ގޮތުގައި އެހެނިހެން މައްސަލަތަކަށް އެމްޑީޕީގެ މެންބަރުންގެ އެއްބާރުލުމެއް ދެނެއް ނުދެވޭނެއެވެ.

ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށް އިއްޔެ އާއި މިއަދަށް ތާވަލުކުރި ދެ ޖަލްސާ ވެސް ކެންސަލްކުރަން ޖެހުނީ ޑެންގޫ ހުން ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ދެ ދުވަހުގެ ޖަލްސާ އަށް ސަލާމް ވިދާޅުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ވާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

ހަމަ އެ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުމަށް ފަހު މަޖިލީހަށް ހުށަހެޅިފައިވާ އެހެން ކަމަކާ މެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ. އެހެންކަމުން ޖަލްސާތައް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން މަޖިލީހުގެ ޖަލްސާ އަށް އެ ގަރާރު ހުށަހެޅިފައެއް ނެތެވެ.