އިޒްރޭލުގެ ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
"ރައިޓް މޫވްމަންޓުން" އިސްނަގައިގެން ސޮއި ކުރަން ފެށި މި ޕެޓިޝަނަކީ އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިޒްރޭލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާ ޕެޓިޝަނެކެވެ.
ރައިޓް މޫވްމަންޓުން ބުނީ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މިހަރަކާތް އެ ރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
ރައިޓް މޫވްމަންޓާއެކިީ މި ޕެޓިޝަންގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެ ޓީމުން ބުނެއެވެ.
ރައިޓް މޫވްމަންޓުން އިތުރަށް ބުނީ މާލޭގައި ޕެޓިޝަންގައި ސޮއިކުރުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި މޭޒުތަކުގައި އެއިންތިޒާމު ހަމަޖެހިފައި ވާނެ ކަމަށެވެ،. އަދި ސޮއި ކުރުމުގެ ހަރަކާތްތައް ކުރިޔަށްދާ ވަގުތު ރައިޓް މޫވްމަންޓުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންނާނެ ކަމަށެވެ.
ރައިޓް މޫވްމަންޓަކީ "ފަލަސްތީނާއެކު ދިވެހިން" މިނަމުގައި 2014 ވަނަ އަހަރު މާލޭގައި 22،000 އަށްވުރެން ގިނަ މީހުންނާއެކު ބޭއްވި ބޮޑު ހިނގާލުން އިންތިޒާމު ކުރި ޓީމުން އިސްނަގައިގެން ކުރިޔަށް ގެންދާ މޫވްމަންޓެކެވެ.
ރައިޓް މޫވްމަންޓުން މިމަހުގެ 20 ވަނަ ދުވަހު ވެސް ވަނީ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުން ކުރިޔަށް ގެންގޮސްފައިވަނީ ރަސްފަންނުން ފަށައިގެން މަޖީދީ މަގުން ގޮސް ހެންވޭރު ދަނޑަށް ނިންމާފައެވެ. އަދި ހިނގާލުން ނިންމާލާފައިވަނީ ފަލަސްތީނަށްޓަކައި ކުރި ހާއްސަ ދުއާ އަކުންނެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 8،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 40 ޕަސެންޓަކީ ކުޑަކުދިންނެވެ.