ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ އިއްޔެ ކެންސަލްކުރުމުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދުނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، އެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، 44 ވަނަ މާއްދާގެ ދަށުން ޖަލްސާ ބޭއްވޭނެ ކަމަށާއި ޖަލްސާ އިއްޔެ ކެންސަލްކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެއެވެ.

އެގޮތުން ރިޔާސަތު ބެލެހެއްޓުމަށް ފަސް މެންބަރުކަމުގެ މުއްދަތަށް ރިއާޔަތްކޮށް ފަސް މެންބަރަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.

ނަމަވެސް މަޖިލީހުގެ ގާނޫނުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުުގެ ނައިބު ރައީސެވެ. ހަމަ އެ މާއްދާގެ (ރ) ގައިވާ ގޮތުން، މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ.

އެމްޑީޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ ގާނޫނީ ކޮމިޓީގެ މުގައްރިރު އަނަސް އަބްދުއްސައްތާރު ވަނީ ނަޝީދުގެ މައްސަލަ އާ ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަން 'އެކްސް' ގައި ކަށަވަރުކޮށްދެއްވައިފައެވެ

އެ ޕާޓީގެ ގާނޫނީ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުދިއުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހަތަރު ސަބަބަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ. އެ ސަބަބުތަކަކީ:- ނަޝީދުގެ މައްސަލަ ގެންދެވޭނެ ގޮތް ސާފުކޮށް ގަވައިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެއަށް އަމަލުމުކޮށް މަޖިލީހުގެ އިދާރާ އިން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ޖަލްސާ ހުއްޓުވާފައިވާތީ- ނަޝީދުގެ މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ބާރު ކެނޑޭ ގޮތަށް ކަމަށް ބެލެވޭތީ- މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ކަންކަން ބެލެހެއްޓުމާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ތަނަވަސްކޮށްދީފައި އޮތް ނަމަވެސް އެގޮތަށް މަޖިލީހުގެ އިދާރާ އިން އަމަލުކޮށްފައި ނުވާތީ- ގައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލައަކަށް ނަޝީދުގެ މައްސަލަ ވާތީއޭނާ ވިދާޅުވީ، އިއްޔެ ދިމާވި ފަދަ ހާލަތެއް ކުރިމަތިވީމާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ ތަންފީޒުކުރުން ލާޒިމް ކަމަށެވެ. އެހެން ނޫން ނަމަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގާނޫނު ތަސައްވަރުކޮށްފައި ނުވާ ހާލަތެއް ކުރިމަތިވާނެ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޖަލްސާ އަށް އީވާ ސަލާމް ވިދާޅުވެފައި ވަނީ ޑެންގޫ ހުން ޖެހިވަޑައިގަތުމުގެ ސަބަބުން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އެހެންކަމުން އިއްޔެގެ ޖަލްސާ ނުބޭއްވުމުގެ ސަބަބުން މިއަދަށް ޖަލްސާ ފަސްކޮށް އެޖެންޑާކުރި ނަމަވެސް މިއަދުގެ ޖަލްސާ އަށް ވެސް އީވާ ސަލާމް ވިދާޅުވުމުން ޖަލްސާ ކެންސަލްކުރީއެވެ.