ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ޕީޕީއެމް އޮފީހުގައި އެ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޔާމީން މިރޭ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވާފައިވާ އިރު، އެ ބައްދަލުވުމުގެ މަންޒަރު ޗެނަލް 13 އިން ވަނީ ލައިވް ކޮށްފައެވެ. އެ މަންޒަރު ދައްކަމުން ދިޔަ ނަމަވެސް އަޑު ވަނީ ކަނޑާލާފައެވެ. ޔާމީން ބައްދަލު ކުރައްވާފައި ވަނީ ޕީޕީއެމްގެ އިސް މެންބަރުންނާ ކަން މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދެވި ޔާމީން މި މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު ރޭގެ ވަގުތެއްގައި ޔާމީން ރަށު ބަންދަށް ބަދަލު ކުރި ކަމަށް ޗެނަލް 13 އިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ޔާމީން އަށް ސަޕޯޓަރުންނާ ބައްދަލު ކުރުމަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަށް ވަޑައިގެންނެވޭނެ ކަމަށް ވެސް އެ ޗެނަލުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ކަމާ ގުޅީގެން ކަރެކްޝަންސް އިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ސިއްހީ ކަންކަމުގައި ފަރުވާ ހޯއްދެވުމަށް ކަރެޝަންސް އަށް އަންގައިގެން ގެކޮޅުން ބޭރަށް ވަޑައިގެންނެވޭ ގޮތަށް ލުއި ދީފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މިހެން ބުނި ކަމުގައި ވިޔަސް ރަށު ބަންދަށް ބަދަލު ކުރި ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.

ރަށު ބަންދަށް ރައީސް ޔާމީން ބަދަލު ކުރި ފަހުން މިއީ އެ މަނިކުފާނު ޕީޕީއެމްގެ މެންބަރުންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.