ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުދިއުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން އިހްތިޖާޖުކޮށް އިދާރީ މޭޒުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފިއެވެ.

ޖަލްސާ ކުރިއަށް ނުދާނެ ކަމަށް އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވުމުން، އެކަމާ ނުރުހުން ފާޅުކޮށް އެމްޑީޕީގެ މެންބަރުން ވަނީ އިދާރީ މޭޒު ކުރިމައްޗަށް އެއްވެ އިހްތިޖާޖުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި:

  • ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އިދާރީ މޭޒުގައި ހުރި މޮނިޓަރަކަށް ގެއްލުންދީފައިވޭ
  • ޝަހީމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ނުރުހުން ފާޅުކުރައްވައި އަޑުގަދަކުރައްވާފައިވޭ
  • މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި ޝަރީފް އިށީނދެވަޑައިގެންފައިވޭ

މީގެ އިތުރުން މި އިހްތިޖާޖުގެ ތެރޭގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ފޯނަށް ގެއްލުން ލިބިފައިވާ ކަން ހާމަވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މެންބަރުންގެ ފަރާތުން ގެއްލުން ލިބިފައި ވަނީ އިދާރީ މޭޒުގައި ހުރި ބައެއް މޮނިޓަރުތަކަށް ކަމަށާއި، ފިލްޒާގެ ފޯނަށް ގެއްލުން ލިބުނީީ މޮނިޓަރެއްގައި ޖެހިގެން ކަމަށެވެ. ޒިޔާއު ވިދާޅުވި ގޮތުގައި މަޖިލީހުގެ ތަޅުމުގައި ތިއްބެވުމަށް ފަހު އެމްޑީޕީގެ މެންބަރުން ނުކުންނެވީ އަމިއްލަ އަށް ކަމަށެވެ.

އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ނަޝީދާއި އީވާ ތަމްސީލުކުރައްވާ ޑިމޮކްރެޓުންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ގޮވާލީ އެމްޑީޕީގެ މެންބަރުންގެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ، އެކަމެއް ބެލުމަށެވެ.

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން އެމްޑީޕީގެ ފަރާތުން ވަނީ އެ މައްސަލަ އާ މެދު ވަކިގޮތެއް ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމާއި، ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އީވާ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފައެވެ.