ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ކުރިއަށް ނުދިއުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދަން ނިންމައިފިއެވެ.
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން މިއަދަށް އެޖެންޑާކުރި ނަމަވެސް، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ޑެންގޫ ހުން ޖެހިވަޑައިގެންނެވުމުގެ ސަބަބުން ސަލާމުގައި ހުންނެވުމުންނެވެ. އީވާ ސަލާމުގައި ހުންނެވިކަން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ހާމަކުރައްވައިފައެވެ.
އެހެންކަމުން މާދަމާ އަށް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށް މެންބަރުންނަށް އެކަން އަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޝާ މިހެން ވިދާޅުވީ، އީވާ އަށް މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވޭ ގޮތް ނުވި ނަމަވެސް، ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިއުޝާ އަށް ސިޓީ އެއް ވެސް ފޮނުއްވާފައި ވަނިކޮށެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މިއަދުގެ ޖަލްސާ ކުރިއަށް ނުދިޔަ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދާ ކަމަށާއި، އެ މައްސަލަ މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެޖެންޑާކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިމުމުން ކަމަށް ވެސް ގަވައިދުގައި ވެއެވެ.
ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީން އެމަނިކުފާނު ވަކިކުރުމަށް އަލުން ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު 49 މެންބަރުންގެ ސޮޔާ އެކީގައެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވާފައި ވަނީ ގަރާރު ހުށަހެޅިތާ ތިންވަނަ އަށް ވީ ދުވަހުގައެވެ. ނަޝީދު ވަކިކުރުމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު މައްސަލަ ހުށަހެޅި ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ މައްސަލަ ނަގައިފައެވެ.
މިއީ ހަމަ ފައްކާ މުގާބޭ އެއް