ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ، ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން އެގޮތަށް ނިންމުމާ ގުޅިގެން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް އެކަން ހިއްސާކޮށްފައިވާ ކަމަށާއި އާ ސަރުކާރުން އެކަމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމާ ގުޅިގެން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ ރާއްޖެ އަށް މަރުހަބާ ވިދާޅުވެފައެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް އަންނަ މަހު 6-12 އަށް ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަޒުނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފައެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕަކުން ރާއްޖޭގެ ކުޅިވަރަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.