ދުޝްމަނުން ދީފާނެ ނިއުކްލިއާ ހަމަލާއެއްގެ ރައްދު ދޭން ރަޝިއާއިން ފައްކާ ކުރި ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްގެން ވަރުގަދަ ޓެސްޓެއް ކޮށްފި ކަމަށް ކްރެމްލިން އިން ބުނެފިއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖީ ޝޮއިގޫ ވިދާޅުވީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ނިއުކްލިއާ ހަމަލާއެއްގެ މުގާބިލުގައި ދޭނެ ނިއުކްލިއާ ރައްދުގެ ވަރުގަދަ ޓެސްޓެއް ކުރެވިއްޖެ ކަމަށާއި އެ ޓެސްޓް ކުރުމަށް ބޭނުން ކުރީ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލާއި ނިއުލްކިއާ ގާބިލުކަން ލިބިފައިވާ ސަބްމެރީންއިން ފޮނުވާލާ މިސައިލް ކަމަށެވެ.
އެގޮތުން ރަޝިއާގެ އިތު އިތުރުގެ ދުރުހިސާބެއްގައި އޮންނަ އަސްކަރީ ބޭހަކުން ބެލަސްޓިކް މިސައިލެއް އުދުއްސާލައި ޓެސްޓް ކޮށްފައި ވާ އިރު، ދެވަނަ މިސައިލް ފޮނުވާލީ ބެރެންޓް ކަނޑުގައި އޮންނަ ރަޝިއާގެ ނިއުކްލިއާ ސަބްމެރީން އަކުންނެވެ.
މި ޓެސްޓް ކުރިއަށް ދިޔަ ވަގުތު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ގެންދެވީ ޓީވީ މެދުވެރިކޮށް އެ މަންޒަރުތައް ބައްލަވަމުންނެވެ.
ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާ އާއި ހުޅަނގުން ޔޫކްރައިން އަށް ހަތިޔާރު ފޯރުކޮށްދޭން ފެށުމާއެކު ރަޝިއާއިން ވަނީ ބައިނަލްއަގުވާނީ ނިއުކްލިއާ މުއާހަދާއިން ބޭރުވެފައެވެ. އަދި ނިއުކްލިއާ ޓެސްޓްތައް ކުރުމަށް ރަޝިއާގެ ގާނޫނުތަކުގައި ހުރި ހުރަސްތައް ނައްތާލައި އެކަންވެސް ވަނި ތަންފީޒު ކޮށްފައެވެ.
ރަޝިއާ އާއި އެމެރިކާ އަކީ، ނިއުކްލިއާ ޓެސްޓް ކުރުމާއި ނިއުކްލިއާ ވޯހެޑް ހެދުން މަނާކުރާ މުއާހަދާއެއްގައި ސޮއިކޮސްގެން ތިބި ބައެކެވެ. އެ މުއާހަދާގެ ދަށުން އެއްބައެއްގެ އަތުގައި ހުރި ނިއުކްލިއާ ގާބިލު ކަމުގެ މައުލޫމާތު އަނެއްބަޔަކާ ހިއްސާ ކުރުމާއި، އެއްވެސް ބާވަތެއްގެ ނިއުކްލިއާ ޓެސްޓެއް ކުރުމަކީ މަނާކަމެކެވެ.
ނަމަވެސް ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާއިން އެ މުއާހަދާއިން ބޭރުވެ، އަމިއްލަ ހައިސިއްޔަތު ހޯދާ، ރަޝިއާގައި ހުރި ނިއުކްލިއާ ގާބިލުކަން އަވައްޓެރި ބެރަރޫސް އާވެސް ހިއްސާ ކޮށްފައި ވާ އިރު، އަލަށް މި ކުރި ޓެސްޓާ ގުޅޭ ގޮތުން އެމެރިކާއިން ވެސް އަދި އދ ގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާއިން ވެސް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
ރަޝިއާގެ ކްރެމްލިން އިން ބުނީ، މި ފަހަރަކު ކުރެވުނު ޓެސްޓްގައި ބޭނުން ކުރި ބެލެސްޓިކް އަދި ކްރޫޒް މިސައިލަކީ ނިއުކްލިއާ ގާބިލުކަން ހިމަނާ ފައްކާ ކޮށްފައި ވާ ހަތިޔާރު ކަމަށެވެ.
2018 ގައި މިފަދަ ހަތިޔާރެއް ޓެސްޓް ކުރާނެ ވާހަކަ ރަޝިއާއިން ބުނެފައި ވާ އިރު، އޭރު އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެފައި ވަނީ އެ މިސައިލަކީ ދުނިޔޭގެ ކޮންމެ ބައްރަކަށް ވެސް ފޯރާވަރުގެ ރާސްތާއެއް ލިބިފައި ވާ މިސައިލަކަށް ވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ޓެސްޓް ކުރި މިސައިލުގެ ރާސްތާއެއް އަދި އޭގައި ހިމަނާފައި ވާ ނިއުކްލިއާ ބާރުމިނެއް ރަޝިއާއިން ހާމަކޮށްފައެއް ނުވެއެވެ.
ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރި އިރު މިހާރު ދެއަހަރުވާން ދާ ޔޫކްރައިން ހަނގުރާމަ ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ. ރަޝިއާ އާއި ޔޫކްރައިންގެ ފައުޖުތައް އެއްގަމު މަގުން ކުރިމަތިލަމުން އަންނަ އިރު ރަޝިއާއިން ގިނަ ހަމަލާތައް މިހާރު ދެމުން ގެންދަނީ ގައިޑަޑް ޑްރޯން ބޭނުން ކޮށްގެންނެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ރަޝިއާއިން ދަނީ ޔޫކްރައިން އިން ބޭނުން ކުރަމުން ގެންދާ ޖަރުމަނުގެ ލެޕަޑް2 މަރުކާގެ ޓޭންކަރުތައް ގޮއްވާލުމުގައި ކާމިޔާބު ޑްރޯން ހަމަލާތަކެއް ދެމުންނެވެ. އަނެއްކޮޅުން ޔޫކްރައިން އިން ބުނެފައި ވަނީ، އެގައުމުގެ ސިފައިންގެ ހަމަލާތަކުގައި ފާއިތުވި ހަފްތާގައި އެކަނިވެސް ރަޝިއާގެ 2400 ސިފައިން މަރާލެވިފައި ވާ ކަމަށެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުން ޝަހީދުކޮށް ހުސްކޮށްލުމަށް ހިންގާ ނަސްލު ނައްތާލުމުގެ ވަރުގަދަ އުދުވާނީ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ސަމާލުކަން މެދުއިރުމައްޗަށް ހުއްޓިފައި ވާ އިރު ޔޫކްރައިން ހަނގުރާމައިގެ ހަބަރުތައް ލިބޭލެއް މިދުވަސްވަރު ވަނީ މަދުވެފައެވެ. ނަމަވެސް އެ ހަނގުރާމައިގައި ރަޝިއާ އާއި ޔޫކްރައިން ގުޅޭ ބޯޑަރުގައި ގަދައަށް ހަމަލާ ބަދަލުކުރަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.