ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީން ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މަޖިލީހުން ނަޝީދު އިތުބާރު ނެތްކަމަށް ފާސްކުރުމަށް މިއަދު ބޭއްވި އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ތްރީ ލައިން ވިޕް އެއް ނެރެފައި ވާ ކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީއާއި މަޖްލިސް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއްް ދެންކުރެވޭނީވެސް ރައްޔިތުންގެ މަޖިލީހީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މަސަލައަށް ގޮތެއް ނިންމުމަށް ފަހު ކަމުގައިވެސް އެމްޑީޕީ ޕީޖީގެ މެމްބަރުން އިއްތިފާގު ވެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހު މަޖިލީހުގައި ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާ ވަގުތުގައި އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ޕީޖީގެ މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ޝިފާއު ވަނީ މިގައުމުގެ ޑިމޮކުރަސީގެ ހައްގުގައި ކުރަންޖެހުނު ކޮއްމެކަމެއް ކުރުމަށް އެމްޑީޕީގެ ޕީޖީ އިން އިއްތިފާގު ވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މި މަހުގެ ނުވަވަނަ ދުވަހު އަލުން ހުށަހަޅާފައި ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަ ކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރު ކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.

49 މެންބަރުންގެ ސޮޔާ އެކު ނަޝީދު ވަކިކުރުމަށް އަލުން ހުށަހެޅި ގަރާރާ ގުޅިގެން، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ނަޝީދު އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، މިދިޔަ ޖޫން މަހުގެ ކުރީކޮޅު 54 މެންބަރުންގެ ސޮޔާ އެކު އެމަނިކުފާނު ވަކިކުރުމަށް މައްސަލަ ވައްދާފައި ވެއެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާ ކުރެވެމުން ދަނިކޮށެވެ.