އައްޑޫ ސިޓީ ހިތަދޫގައި، 200 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން، އައްޑޫ ސިޓީ ކައުންސިލުން މި މަޝްރޫއުގެ ކޮންޓެކްޓަރު ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައި މި މަޝްރޫގެ މަސައްކަތް ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ މަޝްވަރާކުރެވިފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދިވެހިސަރުކާރުން 2023 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 214،852،500.00 ރުފިޔާއެވެ.

މި މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަަމަޖެހިފައިވާ ކޮންމެ ހައިސިން ޔުނިޓެއްގެ ބޮޑު މިނަކީ 1000 އަކަ ފޫޓެވެ. އަދި މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރ،ި 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ އަދި ލޯންޑަރީ ރޫމްގެ އިތުރުން ސްޓޯ ރޫމެކެވެ.

މީގެ އިތުރުން މި ހައުސިން ޔުނިޓްތައް އިމާރާތް ކުރެވެނީ 11 ބުރީގެ ދެ ބިލްޑިންގަށް ވާގޮތަށެވެ. އަދި ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހާއި ޕާކިން ޖާގައެއް ހެދުމަށް ވަނީ ނިންމާފައެވެ. އަދި މިސަރަހައްދުގައި ޕާކެއް ގާއިމުކުރެވިގެން ދާނެއެވެ.