ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި، އެ ދާއިރާގެ މެންބަރުކަމަށް ހޮވިވަޑައިގެންނެވި އަބްދުﷲ ސޯދިގު (ސޯބެ) މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ސޯބެ މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު މަޖިލީހުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުންފެށިގެން ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ދެން ތަމްސީލު ކުރައްވަމުން ގެންދަވާނީ ސޯބެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ. ސޯބެ އަށް އެ އިންތިހާބުގައި 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު ޕީއެންސީގެ ކެންޑިޑޭޓް ސޮޑާއަށް 1،313 ވޯޓު ލިބުނެވެ.

މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވަނީ 12 މެންބަރުންނެވެ. ސޯބެ ކާމިޔާބުކުރެއްވި ގޮނޑިއާއެކު ދެން މަޖިލީހުގައި ތިއްބަވާނީ އެމްޑީޕީގެ 13 މެންބަރުންނެވެ.