ސ. ހިތަދޫގައި އިމާރާތްކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ފުރާޅުގެ ސްލެބް އެޅުމަށް ބޭނުންވާ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
އެ ކުންފުނިން އާންމުކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކެވެ. އެގޮތުން ދަގަނޑު ބަނުމާއި ޝަޓަރިން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
ހިތަދޫގައި ގާއިމުކުރާ މި މަރުކަޒަކީ ދެކުނުގެ އަތޮޅުތަކުގައި ދިމާވާ ކުއްލި ހާލަތްތަކުގައާއި ކާރިސާތަކުގައި ހަރަކާތްތެރިވުމަށާއި، އެފަދަ ކަންކަން ވިލަރެސްކުރުމަށް ބޭނުންކުރާނެ މައި މަރުކަޒެއްކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާހުކުރެއްވި މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، މި މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.
