ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވާފައިވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ސޯބެގެ އިތުރުން ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

ނަތީޖާ ލިބިފައިވާ ފޮށިތަކަށްބަލާއިރު މެޖޯރިޓީ ފޮށިތަކުން ކުރީގައި އުޅުއްވަނީ ސޯބެއެވެ. އެގޮތުން މާލޭގައި ބެހެއްޓި ދެ ފޮށީގެ ނަތީޖާ ދައްކާގޮތުން 449 ވޯޓު ސޯބެއަށް ލިބިފައިވާއިރު، ސޮޑާއަށް ލިބިފައިވަނީ 352 ވޯޓެވެ.

މީގެއިތުރުން ހިތަދޫގައި ހަތަރު ވަނަ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ އިން ދައްކާ ގޮތުގައި ސޯބެ ވަނީ 50 ވޯޓުން ކުރި ހޯދާފައެވެ. 5 ނަންބަރު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެއަށް 184 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ލިބިފައިވަނީ 152 ވޯޓެވެ. އަދި 4 ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 171 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ލިބިފައިވަނީ 137 ވޯޓެވެ. 3 ނަންބަރު ވޯޓު ފޮށިން ސޯބެއަށް 164 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ވަނީ 177 ވޯޓު ލިބިފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާފައި ހުރި އެއް ނަންބަރު، އަދި ދެ ނަންބަރު ވޯޓު ފޮށި އަދި ގުނާނުނިމެއެވެ.

ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ސައީދު ވާދަކުރާއިރު އޭނާއަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. އިދިކޮޅު މައި ޕާޓީގެ ފަރާތުން ވާދަކުރައްވާ ސޯދިގަކީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ، ބޭފުޅެކެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް އިންތިހާބުވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް (މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަނި) ސާބިތުވެ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީއެވެ.

މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓުފޮއްޓެއް ވަނީ ބަހައްޓާފައެވެ. އައްޑޫ ސިޓީ ހިތަދޫގައި 5 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގައެވެ. މާލޭގައި 2 ވޯޓުފޮށި ބަހައްޓާފައިވާއިރު މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މި ފޮށިތައް ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލްގައެވެ.