އިނގިރޭސިވިލާތުގެ ބިލިއަނަރު ސަ ރިޗާޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކް އެއާލައިނުގެ އެއާވޭސްގެ ދަތުރުތައް ރާއްޖޭގައި ފަށައިފިއެވެ.

ބޮޑުބެރުގެ އިތުރުން ހާއްސަ ރަސްމިއްޔާތަކާއެކު ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖޭގައި ފަށާފައިވާއިރު ރާއްޖެ އަށް ހަފުތާ އަކު ތިން ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ. މި ދަތުރުތައް ކުރުމަށް ބޮއިންގް 787 މަރުކާގެ ބޯޓެއް ރާއްޖެ ގެެނެސްފައިވާއިރު އެ މަތިންދާ ބޯޓުގައި 31 އަޕާ ކްލާސް، 35 ޕްރީމިއަމް، އަދި 192 އިކޮނޮމީ ޑިލައިޓް، ކްލާސިކް، އަދި ލައިޓް ސީޓްތައްވެސް ހިމެނެ އެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ އެއާޕޯޓު އޮޕަރޭޓަރުގެ ހައިސިއްޔަތުން އެ އެއާލައިނުން ދަތުރުކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ އެއާލައިންގެ ދަތުރުތައް ރާއްޖެ ފެށުމާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު ކެރޮން ރޯސްލާ ވިދާޅުވީ ވާޖިން އެޓްލާންޓިކުން ސީދާ ދަތުރުތައް ރާއްޖެއާ ދެމެދު ފެށުމަކީ އުފާވެރި ކަމެއް ކަމަށާއި މި ކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ މައި ތަނބަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށްވާއިރު އެގައުމުގެ ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް މިއީ އެންމެ ރަނގަޅު މާހައުލު ކަމަށް އޭނާ ފާހަގަކޮށްފައި ވެއެއެވެ.

މި ހާއްސަ ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރު އާއި އެމްއޭސީއެލްގެ އިސް މެމްބަރުންގެ އިތުރުން ލޯކަލް އެޖެންޓް ، ވޮޔޭޖްސް މޯލްޑިވްސްގެ އިސް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ފަށާފައުވާއިރު އިނގިރޭސި ވިލާތަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރެއިން ހިމެނޭ ގައުމެކެވެ. ވާޖިން އެޓްލާންޓިކުން ދަނީ ދުނިޔޭގެ 32 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި, އެ އެއާލައިނުގެ ފްލީޓުގައި 41 ފްލައިޓު އެބައޮތެވެ.