ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މި މަހުގެ ނުވަވަނަ ދުވަހު އަލުން ހުށަހަޅާފައި ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރު ކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.

49 މެންބަރުންގެ ސޮޔާ އެކު ނަޝީދު ވަކިކުރުމަށް އަލުން ހުށަހެޅި ގަރާރާ ގުޅިގެން، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކުރެވޭނެ ކަމަށް، އެމަނިކުފާނަށާއި މަޖިލީހުގެ މެންބަރުންނަށް މިއަދު އަންގައި ސިޓީ އެއް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ފޮނުއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި ބުނާ ގޮތުން:

  • އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ގަރާރު މަޖިލީހުގެ އިދާރާ އަށް ލިބޭތާ ތިން ދުވަހުގެ ތެރޭ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވަން ޖެހޭ
  • ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރެވެން ވާނެ

މީގެ ކުރިން ވެސް މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ނަޝީދު އަމަލުކުރައްވަމުންދާ ކަމަށް ވިދާޅުވެ، މިދިޔަ ޖޫން މަހުގެ ކުރީކޮޅު 54 މެންބަރުންގެ ސޮޔާ އެކު އެމަނިކުފާނު ވަކިކުރުމަށް މައްސަލަ ވައްދާފައިވެއެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަވައިފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާކުރެވެމުން ދަނިކޮށެވެ