ގޭސް ފުޅި ފަދަ ތަކެތި ގޮވާ، މީހުންގެ ފުރާނަ ގެއްލި، ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުން ލިބުމަކީ ރާއްޖޭގައި ހިނގާ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާތަކެވެ. މި ފަދަ އެތައް ހާދިސާއެއް ކޮންސްޓްރަކްޝަން ސައިޓުތަކާއި ތަފާތު އެކި މަސައްކަތް ކުރާ ތަންތާނގައި ހިނގައި ބިދޭސީ އެތައް މުވައްޒަފެއްގެ ފުރާނަ ގެއްލިފައި އެބަ ހުއްޓެވެ. އެގޮތުން އިއްޔެ ހަވީރު ހދ. މަކުނުދޫގައި ހިނގި ގޭސް ސިލިންޑަރު ގޮވި ހާދިސާގައި އެ ރަށުގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީ ދެ މުވައްޒަފަކު ވަނީ މަރުވެފައެވެ. 3 ވަނަ މީހަކު ވަނީ ސަލާމަތް ވެފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ އެ ރަށުގެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނާއި އެ ރަށުގެ ނަރުދަމާ މަސައްކަތަށް ބޭނުންވާ ސާމާނު ހުންނަން ސައިޓު ސަރަހައްދުގައެވެ.
ގޭސް ސިލިންޑަރު ގޮވީ ގެނެސް ބޭލިތާ ގަޑިއެއްހާއިރު ތެރޭ
އެ ރަށުން މަހަށް ގޮސް އިއްޔެގެ އަސުރު ނަމާދު ބަންގި ގޮވަން ކައިރިވެފައި ވަނިކޮށް ރަށަށް އައި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ އެ ގޭސް ސިލިންޑަރު އެ ވަގުތު މަކުނުދޫ ބަނދަރަށް ބޭލީ އޭނާގެ ކުރިމަތީގައި ކަމަށާއި އެ ގޭސް ސިލިންޑަރުގެ އިތުރުން ވާގަނޑަކާއި ހަތަރެސްކަން ދެ ފިލާވެސް އެތަނަށް ބޭލި ކަމަށެވެ. ގޭސް ސިލިންޑަރު ބާލަން އުޅުމުގެ ތެރޭގައި އަނބުރަމުން އަނބުރަމުން ބިންމައްޗާ ހަމައަށް ގެންގޮސް ދެން ސިލިންޑަރު ވައްޓާލީ ކަމަށާއި އެ ވަގުތު ބިން ގަނޑަށް ވެސް ގުޑުން އެރި ކަމަށް އޭނާ ބުންޏެވެ.
ފަޅުތެރޭގައި އޮތް ޑިންގީއިން ފޭބި ދެ މީހުން ވެގެން ވަކި ހިސާބަކަށް އެ ސިލިންޑަރު ގެންދިއުމަށް ފަހު އެއިން އެކަކު އެ ޑިންގީއަށް އަރާ ފުރައިގެން ދިޔަ ކަމަށްވެސް މަންޒަރު ދުން މީހާ ވަނީ ކިޔައިދީފައެވެ. އޭނާ ބުނީ އެ ހިސާބުން ސައިޓު [މަސައްކަތް ކުރާ ސައިޓް] އިން އައި މީހަކާއެކު ދެ މީހުން ވެގެން ސިލިންޑަރު މަސްމާރުކޭޓު ބިއްދޮށަށް ގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ.
އޭނާ ކިޔައިދިން ގޮތުގައި ގޭސް ސިލިންޑަރު ބޭލުމާއި ބާރު އަޑުފައްގަނޑު އިވުމާ ދޭތެރޭގައި ނަގާނީ ގަޑިއެއް ހާއިރެވެ. އޭރު ގަޑިން ވަނީ ހަވީރު 4:15 ހާއިރު ކަމަށްވެސް ބުނެއެވެ.
ގޭސް ސިލިންޑަރު ގޮވުމާއި މަކުނުދޫ ގުޑުވާލި ބޮމެއްފަދަ އަޑުފައްގަނޑު!
ގޭގައި ހުއްޓާ ފުރާޅަށް އެއްޗެއް ވެއްޓުނު ފަދަ އަޑެއް އިވުމާއެކު އަތިރިމަތިން ދުން އަރާ ވާހަކަ މީހުން ބުނަން ފެށުމުން ފުރަތަމަވެސް އޭނާއަށް ބުނެވުނީ ގޭސް ސިލިންޑަރުގެ ވާހަކަ ކަމަށްވެސް ވަނީ ބުނެފައެވެ.
ގޭސް ސިލިންޑަރު މަކުނުދޫއަށް ބޭލުމަށް ފަހު ދެން ކަން ހިނގާ ދިޔަ ގޮތް ސާފު ނުވިނަމަވެސް އެކަމާ ގުޅިގެން މަކުނުދޫ ކައުންސިލް މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެ ރަށަށް ބޭލި ގޭސް ސިލިންޑަރު ކައިރީގައި ހަރަކާތްތެރި ވީ އިންޑިއާގެ 3 މީހަކު ކަމަށާއި ގޭސް ސިލިންޑަރު ގޮވީ އެތަނުން އެކަކު ގެއަކަށް ފެންބޯން ދިޔަ ވަގުތު ކަމަށެވެ.
އެވަގުތު މަކުނުދޫ ގުޑައިގެން ދިޔަ ކަމަށް ބައެއް އާންމުން ބުނެފައި ވާ އިރު އެހެން ބައެއް މީހުން ބުނީ، "އެއީ ބާރު ގޮވުމެއް" ކަމަށެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ދަ ޕްރެސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ގޭސް ސިލިންޑަރު އުފުލުމުގެ ތެރެއިން ކަމަށާއި އެއީ ރަށަށް މުދާ ބާލާ ސަރަހައްދު ކަމަށެވެ. އަދި އެ ސަރަހައްދުގައި ގޭސް ކަޓިން ފަދަ މަސައްކަތް ކުރުން އޮންނަނީ މަނާކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
އެ ބާރު ގޮވުމާއެކު މުޅި މަކުނުދޫއަށް ވެސް ލޮޅުން އައިއިރު އައުޒަމް ވިދާޅުވީ އެއީ މަކުނުދޫއަށް މިހާތަނަށް އައި އެންމެ ވަރުގަދަ ގޮވުން ކަމަށެވެ.
އެ ގޮވުމުގެ އަޑުގަދަކަމާއި ބާރު ގަދަ ކަމުން އެ ރަށުގެ ގިނަ ބަޔަކު ސިފަކުރަމުން ދިޔައީ ބޮން އެޅުން ފަދަ އަޑެއްގެ ގޮތުގައެވެ. ފަލަސްތީނަށް އިޒުރޭލުން ދެމުން ގެންދާ ހަމަލާތައް އިތުރުވެފައި ވާއިރު އެ ރަށުގެ ބައެއް މީހުންނަށް އެ އަޑަކީ އެ ފަދަ ބޮމެއްގެ އަޑު ކަމަށްވެސް އެ ވަގުތު ގަބޫލު ކުރެވުނެވެ. އެ ރަށުގެ މީހަކު ބުނީ އެ އަޑާއެކު ބައެއް ފުރާޅު މައްޗަށް އެއްޗެހިތަކެއް ފޭބި އަޑުއިވުނު ކަމަށާއި އެއީ އިޒްރޭލުމުގެ ބޮމުގެ ހަމަލާއެއް ކަމަށް އެ ވަގުތުވެސް ބުނެވުނު ކަމަށެވެ.
އެ ހާލަތު ތަޖުރިބާ ކުރި މީހެއްގެ ދުލުން
އެ ހާދިސާ ހިނގި ސަރަހައްދާ ގާތްގަނޑަކަށް 500 ފޫޓު ދުރުގައި ހުރި ކެފޭއެއް ހިންގަމުންދާ އަލީ ޝަރީފް ވަނީ އެ އަޑުފަށްގަނޑާ އެކު ކަންހިނގާދިޔަ ގޮތް "ދަ ޕްރެސް" އަށް ކިޔައިދީފައެވެ. އަލީ ޝަރީފް ބުނީ އެ ވަގުތު އޭނާ ހުރީ ކޮފީއެއް ގިރަން ކަމަށާއި އޭރު ކެފޭގެ ބޭރުގައި ހުންނަ ރުއްގަނޑުގައި އަށެއްކަ މީހުން ތިބި ކަމަށެވެ.
އަލީ ޝަރީފް ބުނީ އެ އެއްޗެއް ގޮވި ވަގުތު ހީވީ ކެފޭއާއި ކޮފީ ގިރާ މެޝިން ވެސް ގޮވިހެން ކަމަށާއި ކޮޅުބިތުގައި ހުރި ޓިނުބިތަށް ގާއުކިހެން ވެސް ހީވި ކަމަށް ބުންޏެވެ. އަދި ކޮފީ މެޝެނާއި ބޮކި ވެސް ގޮވިތޯ ބަލާ ޔަގީންކުރި ކަމަށް އަލީ ޝަރީފް ބުންޏެވެ. އެ ކެފޭއަކީ ކޮޅު ބިއް ޓިނުން އަދި އެތެރެ ފުލައިވުޑް ޖަހާފައިވާ ތަނެއްކަން ފާހަގަ ކުރަމުން އަލީ ޝަރީފް ބުނީ އެތަން ފޫ އަޅުވާލައިފައި އެއްޗެއް ވަދެފައި ވާ ކަމަށާއި އެ އެއްޗެއް ވެއްޓުނީ އަނެއް ބިތުގައި ޖެހިފައި ކަމަށެވެ. އަދި ބޭރު ހަޓުގައި ހުރި ޖޯލި ފަތީގައި ޖެހުނު އެއްޗަކާއެކު ޖޯލިފަތީގެ އޮނިގަނޑުގެ ބައެއް ދަގަނޑުތައްވެސް ނައްޓައިގެން ދިޔަ ކަމަށާއި ދެން ހުރި ހަޓުގެ ތަޅުން ގަނޑުގައި ޖެހުނު އެއްޗަކުން ތަޅުން ގަނޑުން ބައެއް ނައްޓާގެން ދިޔަ ކަމަށް ވެސް އަލީ ޝަރީފް ވަނީ ބުނެފައެވެ.
އެ އަޑު ގޮވި ދިމާލަށް ކެފޭގައި ތިބި މީހުން ދުއްވައިގަތް ކަމަށާއި ކެފޭ ކައިރިއާއި މާދުރުނޫން ހިސާބެއްގައި ހުރި އެސްޓީއޯ ގުދަން ކައިރީ ވެސް މީހެއްގެ ހަށިގަނޑުގެ ބައެއް އޮތް ކަމަށް އަލީ ޝަރީފް ވަނީ ބުނެފައެވެ. މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިބައި އެކި ސަރަހައްދުތަކަށް ބުރަބުރައިގެން ގޮސްފައިވާކަން ފާހަގަކުރަމުން އަލީ ޝަރީފް ބުނީ ބޮލާއި ކަނދުރާ އާއި އަތާއި ފަޔާއި މޭ ކަށިގަނޑުގެ އެތެރޭގެ ބައިތައްވެސް ނެތް ކަމަށާއި ގޮހޮރު ވެސް އޮތީ ނިކުމެފައި ކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ ދެމީހުން ވަނީ ފާހަގަކުރަން ނޭނގޭ ވަރަށް ޒަހަމްވެ ޗިސްޗިސް ވެ ކުދިކުދި ވެފައެވެ. އެ ދެމީހުންގެ ބޮލާއި ވަކި ވަކި ގުނަވަންތައްވެސް ފެންނާކަށް ނެތެވެ. މާ ދުރު ހިސާބުތަކަށް އެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ބުރަ ބުރައިގެން ގޮސްފައެވެ.
އެ ހާދިސާގައި އެ ކެފޭގެ ބޭރުގައި ކޮފީ ބޯން އިން ފިރިހެނެއްގެ އަތުގެ މުލައްދަނޑިއަށް ވަނީ އެތިކޮޅެއް ހެރިފައެވެ. އަދި އެ ރަށުގައި ސަރުކާރުން ހަދާފައިވާ މަސްމާރުކޭޓަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވާއިރު ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މަސްމާރުކޭޓަކީ ކުރީގެ ސަރުކާރުގައި އެ ރަށުގައި ގާއިމުކޮށްފައިވާ ތަނަކަށް ވާއިރު މިހާތަނަށް އެތަނުގައި މަހުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެތަނުގެ ހޯލެއް ކައުންސިލްގެ ބައްދަލުވުން ތަކަށް ބޭނުން ކުރާއިރު ފިހާރައަށް ވާ ބައިގެ ބިއްލޫރި ޖެހި ދެ ކޮޓަރި ކުއްޔަށް ދޫކޮށްފައި ވަނީ ނަރުދަމާ މަސައްކަތް ކުރާ މީހުންގެ ސާމާނު ބެހެއްޓުމަށެވެ.
އޭނާ އިތުރަށް ބުނީ އެ ކެފޭއަށް ވުރެ ސިލިންޑަރު ގޮވި ތަނާ ކައިރީގައި ހުންނާނީ ރާޑަރު ސިސްޓަމް ހުރި އިމާރާތާއި އެސްޓީއޯ ގުދަން ކަމަށެވެ.
އެ ހާދިސާގައި އިއްޔެ އެ ރަށުން ދަތުރު ދިޔަ ބަޔަކު ބަނދަރުގައި ބަހައްޓާފައި ހުރި އައިލެންޑް ޕިކަޕަކާއި ހަތަރު ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ވާ އިރު އެސްޓީއޯ އިމާރާތާއި ރާޑަރު ސިސްޓަމް ހުރި އިމާރާތަށް ލިބުނު ގެއްލުންތައް ސާފެއް ނުވެއެވެ.
ބްރިޖަށް އަރަން އާންމުކޮށް މީހުން ދާ ސަރަހައްދެއް!
އެ ރަށުގެ މީހުން ބުނީ ހާދިސާ ހިނގި ސަރަހައްދަކީ ހަވީރު ވަގުތުގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ގޮސް އުޅޭ ސަރަހައްދެއް ކަމަށާއި އެތަނުގައި އޮންނަ ބްރިޖު މައްޗަށް އެ ރަށުގެ މީހުން ވަރަށް ގިނައިން ދާ ކަމަށެވެ. އެހެންނަމަވެސް އިއްޔެ ބަންދު ދުވަހަކަށް ވި ނަމަވެސް އެ ހާދިސާ ހިނގި ސަރަހައްދުގައި އިތުރު ބަޔަކު އެ ވަގުތު ނޫޅޭ ކަމަށްވެސް ބުނެފައި ވެއެވެ.
ލިބިފައިވާ ފޮޓޯތަކުން ވެސް އެސަރަހައްދުގައި އެވަގުތު އާންމުން ހެލިފެލިވެ އުޅޭ މަންޒަރެއް ނުފެނެއެވެ. ނަމަވެސް އެ ހާދިސާ ހިނގުމާއެކު އާންމުންގެ ގިނަ ބަޔަކު އެއްވެ އުޅުނު ނަމަވެސް ފުލުހުން އެސަރަހައްދަށް ގޮސް ޓޭޕް ދަމާ ބަންދު ކުރުމުނުން ދެން އާންމުން ތިބީ އޭގެ ބޭރުގައެވެ.
ކައުންސިލް މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެ ހާދިސާ ހިނގިގޮތް ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމުން އައިސް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ ސަރަހައްދު ކައިރީ ހުރި ތެޔޮ ފިހާރައިގެ ސީސީޓީވީ ފުޓޭޖް ނަގައިގެން ބަަލަމުންދާ ކަމަށާއި އެސްޓީއޯ ފިހާރައިގެ ސީސީޓީވީ ފުޓޭޖް ވެސް ހޯދަން އެދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކެއާލަސް އިންޑިޔާ.