މިއަހަރު ތެރޭގައި އެއްފަހަރާ 50 ރަށެއްގައި ކައުންސިލް އޮފީސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. މަކުނޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވަނީ މިއަހަރު ތެރޭގައި އެއްފަހަރާ 50 ރަށެއްގައި ކައުންސިލް އޮފީސް ގާއިމުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯދައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްގީ ކޮށްދެއްވާނެކަމަށާއި މި ކަމުގައި އެންމެ އިސްކަންދޭނެ ރަށްތަކަކީ މިހާރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އެންމެ ގިނަ ދުވަސްވީ ރަށްތަކުގެ ކައުންސިލް އޮފީސްތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މަކުނުދޫގައި ހަދާ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހަދައިދެއްވާނެކަމަށާއި އެރަށުގެ އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއަކީ ރަށުގެ ތަރައްގީއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ވައުދުވި ފަދައިން އެ މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ރައީސް އާއިއެކު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.