ހދ. މަކުނުދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެއާޕޯޓުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ބޭނުންވާ ސާމާނާއި އެ ރަށުގެ ނަރުދަމާ މަސައްކަތަށް ބޭނުންވާ ސާމާނު ހުންނަން ސައިޓު ސަރަހައްދުގައި އިއްޔެ ހިނގި ގޭސް ސިލިންޑަރު ގޮވުމުގެ ހާދިސާ އާއި ގުޅިގެންނެވެ.
މި ހާދިސަގައި އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށާއި އުޅަނދުތަކަށް ގެއްލުން ލިބިފައިވާއިރު އެމްއެންޑީއެފް އާއި ފުލުހުންގެ ފޮރިނިސްކް ގުޅިގެން ކުރަމުން އަންނަ ތަހުގީގުގައި އެ ސަރަހައްދަށް ލިބުނު ގެއްލުން އަންނަނީ ބަލަމުންނެވެ.
މަކުނުދޫގައި ހިނގި ގޭސް ސިލިންޑަރު ގޮވި ހާދިސާގައި އެ ރަށުގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީ ދެ މުވައްޒަފަކު މަރުވެފައިވާއިރު އިތުރު ތަހުގީގަށް އެމީހުންގެ ހަށިގަނޑު މާލެ ގެންދިއުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އިއްޔެ ހިނގި މި ނުރައްކާތެރި ހާދިސާގެ ސަބަބުން މަކުނުދޫގެ ރައްޔިތުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މި ގޮވުމުގައި މަކުނުދޫ ގުޑައިގެން ދިޔަ ކަމަށް ބައެއް ރައްޔިތުންވަނީ ބުނެފައެވެ. އެ ބާރު ގޮވުމާއެކު މުޅި މަކުނުދޫއަށް ވެސް ލޮޅުން އައިއިރު މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް އެއީ މަކުނުދޫއަށް މިހާތަނަށް އައި އެންމެ ވަރުގަދަ ގޮވުން ކަމަށެވެ.