ހދ. މަކުނުދޫގެ ރައްޔިތުން ފަލަސްތީނާއި އެކު ތިބި ކަން ހާމަކޮށްދިނުމަށް އެރަށުގައި އިއްޔެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އާންމު ގޮތެއްގައި ބާއްވަމުންގެންދާ ހިނގާލުންތަކާއި، ސައިކަލު ބުރުތަކާއި ހިލާފަށް އެރަށު ރައްޔިތުން ދައްކުވައިދިނީ ފަލަސްތީނުގެ ހާލަތެވެ.

"ދެން ނުފެނިދާނެ" ނަމުގައި މަކުނުދޫގައި ބޭއްވި މި ހަރަކާތަކީ އިސްރާ އެސޯސިއޭޝަނާއި މަކުނުދޫ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތާއި އެ ތަނުގައި ބިމާ ހަމަވެފައި ހުރި އިމާރާތްތައް ދައްކުވާދީފައިވެއެވެ.

މަކުނުދޫގައި ފަލަސްތީނުގެ ހާލަތު ދައްކުވައިދިނުމުގެ ގޮތުން / ފޮޓޯ: ކްލިކް ބައި ސިޑޭ

ފާހަގަކޮށްލެވޭ ގޮތުގައި އިސްރާ އެސޯޝިއޭޝަން އިން ވަނީ މި މަހުގެ 11 ވަނަ ދުވަހުވެސް ދިވެހިންތިބީ ގާޒާއާ އެކުގައި ކަން ހާމަކުރުމަށް މާލޭގައި ވެހިކަލް ބުރެއް ބާއްވާފައެވެ. މީގެ ކުރިންވެސް އިސްރާ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅު ހަދާ މާލޭގައި އެއްވުމެއް ބާއްވާފައެވެ. އެ ގޮތުން އިސްރާ ޖަމިއްޔާއިން ވަނީ މީގެ ކުރިން ބޭއްވި ހަރަކާތް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު މެސެޖެއް މުޖްތަމައަށް ފޯރުކޮށްފީފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި އެމީހުންގެ ޖަރީމާތަކަށް ވާގިވެރިވާ ފަރާތްތަކާއި ދެކޮޅަށް އަންނަނީ އެއްވުންތައް ބާއްވަމުންނެވެ. އޮކްޓޯބަރު 7، 2023 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 50،846 މީހުން ޝަހީދުވެފައިވާކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި 115,729 މީހުން ޒަހަމްވެފައިވާއިރު، ގާޒާގެ ރައްޔިތުންވަނީ ޒަރޫރީ ބޭނުންތަކުން މަހުރޫމްވެ މަގުމަތިވެފައެވެ.