ރިޔާސީ އިންތިހާބަށް ފަހު މިހާރު މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި މިފަހަރުގެ މަޖިލިސް އިންތިހާބަށް ވެސް ތަފާތު ރޮނގުތަކުން ހިދުމަތް ކޮށްދޭ މީހުން ކުރިމަތިލާކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން އިޖްތިމާއީ މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންގެ އިތުރުން ސިޔާސީ އެކްޓިވިސްޓުން މަޖިލީހަށް ކުރިމަތިލާކަން ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން އިޖްތިމާއީ ގޮތުން އަންހެނުންނަށް ހާއްސަކޮށް ގިނަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ، ގއ. ވިލިނގިއްޔަށް އުފަން ޒުދުލީނާ ޒައީމް (ޒުދޫ) ވަނީ މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ކުރިމަތިލާން ނިންމާފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޒުދޫ ބުނީ، އޭނާ އުފަން ރަށް ތަމްސީލް ކުރަން މަޖިލީހަށް ކުރިމަތިލަނީ ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަން ތެރެއިން ކަމަށެވެ.

ޒުދޫ މަޖިލީހަށް ކުރިމަތިލާކަށް އިއުލާން ކޮށް އާންމުކޮށްފައިވާ ސިޓީ

މުޅި ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅޭ ޒުދޫ މަޖިލީހަށް ކުރިމަތިލަނީ ރާއްޖޭގެ އިތުރުން ހާއްސަކޮށް ވިލިނގިލީގައި އަންހެނުންގެ އަޑު އުފުލައި، އަންހެނުންނަށް ބޭނުންވާ ފަހި ފުރުސަތުތައް ހޯދައި ދިނުމަށް ކަމަށް އޭނާ ބުނެއެވެ. ޒުދޫ ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ސާބިތު ކަމާ އެކު މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށެވެ.

ޒުދުލީނާ ޒައީމް (ޒުދޫ)

ވިލިނގިލީގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ނިމިދިޔަ ރިޔާސީ އިންތިހާބަށް ކުރި ކެމްޕެއިންގައި މުއިއްޒު ވިދާޅުވެފައިވާ އިރު، އެކަންކަން ފުރިހަމަ ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުރުމުގެ އަޒުމެއްގައި ހުރި ކަމަށް ޒުދޫ ބުނެއެވެ. މަޖިލީހުގެ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ފޮނި އުންމީދެއްގައި ހުރި ކަމަށް ވެސް އޭނާ ފާހަގަ ކުރެއެވެ.

ޒުދޫ އަކީ ކޭކް އެޅުމާއި، ވިޔަފާރީގެ އިތުރުން ކޭކް އަޅަން ދަސްކޮށްދޭ ކޯހާއި، އަންހެނުންނަށް ހާއްސަ މިފަދަ އެތައް ކޯސްތަކެއް ހިންގާފައިވާ ފަރާތެއް ވެސް މެއެވެ.

މިއީ ގއ. ވިލިނގިލި ދާއިރާގެ ގޮނޑިއަށް އަންހެނަކު ކުރިމަތިލާ ފުރަތަމަ ފަހަރެވެ.

މިހާރު އެ ދާއިރާގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރީ ވެސް ގއ. ވިލިނގިއްޔަށް އުފަން ބޭފުޅެކެވެ. މިހާރު އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައުދު ހުސައިން ވިލިނގިލި ދާއިރާ ތަމްސީލު ކުރައްވާ މިއީ ދެވަނަ ދައުރެވެ.