ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އަނެއްކާވެސް ސައްހަ ނޫން މެސެޖެއް ދައުރު ކުރަމުން ދާތީ އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެ ބޭންކުން އެދިއްޖެއެވެ.

އެ ބޭންކުން ބުނީ، ސައްހަ ނޫން މެސެޖެއްގެ ގޮތުގައި މިހާރު ދައުރު ކުރަމުންދަނީ ކަސްޓަމަރުގެ އެކައުންޓުން އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ވުމުން ސެކިއުރިޓީ ސަބަބުތަކާހުރެ އެކައުންޓް ހޯލްޑް ކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އެކައުންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ މެސެޖުގައި ހުމަނާފައި އިންނަ ލިންކަށް ވަނުމަށް ބުނެފައި ވެއެވެ.

އެ މެސެޖުގައި ވަނީ ސްކޭމްކުރުމަށް ބޭނުން ކުރާ ލިންކެއް ކަމަށާއި އެ ލިންކަށް ނުވަނުމަށް ބީއެމްއެލް އިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެފަދައިން ފޮނުވާ ލިންކުތައް ނުވަނުމަށް ތަކުރާރުކޮށް ބީއެމްއެލް އިން އަންނަނީ އިރުޝާދު ދެމުންނެވެ.

މި މަހުގެ ކުރީކޮޅު ވެސް މިފަދަ ސްކޭމް މެސެޖުތަކެއް ދައުރު ކުރުަމުންދާތީ އެ ބޭންކުން ވަނީ ކަސްޓަމަރުން ސަމާލުވާން އެދެފައެވެ. އެފަހަރު ދައުރު ކުރަމުންދިޔައީ އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އެދިއެވެ. އަދި ހަމައެހެންމެ ޕޯސްޓު އޮފީހާއި ޑީއެޗްއެލްގެ ނަމުގައި ވެސް ސްކޭމްތައް ހިންގުމަށް މެސެޖުތަކެއް ދައުރު ކޮށްފައި ވެއެވެ.

ރާއްޖޭގައި މިހާރަކަށް އައިސް ސްކޭމް ކޯލްތައް ގިނަވެ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެކި ނަންނަމުގައި މީހުން ގުޅާ، ބީއެމްއެލް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހޯދާ، ފައިސާ ފޭރެމުންދާތީ އެކުންފުނިން އަންނަނީ ތަކުރާރުކޮށް އާންމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންނެވެ.

އަދި ހަމައެހެންމެ މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.