އާންމު ގާނޫނުތަކުގައި އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެކެވެ. އެހެންނަމަވެސް މިއަހަރު ހައިކޯޓުން ވަނީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރާ ގުޅިގެން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިން އެ މާއްދަ ބާތިލުކޮށްފައެވެ.

އާންމު ގާނޫނުތަކުގައި އަމާންކަން ގެއްލޭ ވާހަކަ މާނަކޮށްފައި އޮތް މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ނިންމައި، އެ މާއްދާ ބާތިލް ކުރި ނަމަވެސް ހައި ކޯޓުން ވަނީ ރައީސްގެ ގަރާރުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމާފައެވެ.

ގާނޫނުގެ އެ ބައި ބާތިލްކުރި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ސްޕްރީމްކޯޓުން ނިންމާފައިވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

ރަޖިސްޓްރާ އެ ގޮތަށް ނިންމެވި ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެއެވެ.