ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހާ، އަޑުގަދަކުރި ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޗައިނާގެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ އަމަލުތައް ހިންގާތީ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ އެ ފަދަ ގޮތަކަށް އަމަލުކޮށްފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެނެވެ. އަދި އެ މީހާ ފުރޭނެ ގޮތް ޗައިނާ އެމްބަސީއިން ވެސް ހަމަޖައްސައިދިން ކަމަށް މައުލޫމާތުތައް ލިބެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެ ފަތުރުވެރިޔާގެ އަތުގައި ބިޑިއަޅުވައިގެން ފުލުހުން އެ މީހާ ގެންދަނިކޮށެވެ.