ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހާ ގެއްލިގެން ހޯދަމުން ދިޔަ ކަމަށާއި މިއަދު ދޫނިދޫ ކައިރި މޫދުގައި މަރުވެފައި އޮއްވައި ފެނުނީ އެމީހާކަށް ބެލެވޭ ކަމުގައި އެމްއެންޑީއެފް އިން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މަރުވެފައި އޮތް މީހަކު ފުނަދޫ އާއި ދޫނިދޫ އާއި ދޭތެރޭ ކަނޑު މަތިން ފެނިފައި ވާ ކަމަށެވެ. ބަރަހަނާ ހާލުގައި އޮތް އެމީހާ އަކީ ފިރިހެނެއް ނަމަވެސް ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރޭ 19:54 ހާއިރު ލިބިގެން ހަރަކާތްތެރި ވަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެއާއެކު އެ މީހާ ހޯދުމުގެ ގޮތުން މިއަދު ހެނދުނު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ރަސްފަންނު ކައިރި ކަނޑުއަޑިން 41،590 އަކަ މީޓަރުގެ ސަރަހައްދެއް ބެލި ކަމަށްވެސް ބުނެފައި ވެއެވެ.

މިއަދު ހެނދުނު 9 ޖަހާ ހާއިރު ހަށިގަނޑެއް ފެނިގެން ފުލުހަށް ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައި ވާ އިރު އެއީ ރަސްފަންނު ބޭރުން މޫދަށް ފުންމާލި މީހާ ކަމަށް ބެލެވޭ ކަމަށާއި އެމީހާ ފެނިގެން ރިޕޯޓް ކުރީ ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެއާއެކު ސީންގައި އެމްއެންޑީއެފް އިން ވެސް ހަރަކާތްތެރި ވި ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު އެ މީހާގެ ހަށިގަނޑު ނަގާ މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ވެސް ބުނެއެވެ.

ރަސްފަންނު ބޭރު މޫދަށް ފުންމާލީ ކާކުކަމެއް އަދި ކޮން ސަބަބަކާ ހުރެކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.