ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ވަނީ ސިޔާސީ މަގްސަދު ހާސިލް ކުރަން މަސައްކަތް ކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން އެ ކުންފުނި ވަނީ އަނދަވަޅެއްގައި ކަމަށް ޕީއެންސީގެ ރައީސް އަދި އިންތިގާލީ ކޮމިޓީގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ސަންގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ފެނަކަ ކޯޕަރޭޝަންގައި ތިބޭނީ 2700 އެއްހާ މުވައްޒަފުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ވެރިކަން ނިމިގެން ދާ އިރު 8000 އެއްހާ މުވައްޒަފުން އެކުންފުނީގައި އެބަ ތިބި ކަމަށެވެ. މިހާރު އެތަނުގައި ތިބި މުވައްޒަފުންގެ ތެރެއިން އޮފީހަށް ނިކުމެ އިށީންނާނެ ގޮނޑިއެއް ނެތް މުވައްޒަފުން އެބަ ތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހާ ގިނަ މުވައްޒަފުން ވައްދާފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެ ކުންފުނި ދަރަނިވެފައި ވަނީ ވެސް އެ ސަބަބާ ހުރެ ކަމަށް އަދުރޭ ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރު ނިންމުނު އިރު ގިނަ ކުންފުނިތައް ހުންނާނީ އަމިއްލަ ފައި މައްޗަށް ތެދުވެފައި ކަމަށާއި ނަމަވެސް މި ސަރުކާރުން އަމަލު ކުރި ގޮތުން ހުރިހާ ކުންފުނިތައް ވެސް ވަނީ މާލީ ގޮތުންނާއި އިދާރީ ހިންގުމުގެ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ކޮމިޓީތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް އަދުރޭ ފާހަގަ ކުރައްވައި ވިދާޅުވީ ގިނަ އިދާރާތަކުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ނަމަވެސް ބައެއް އިދާރާތަކުން އެއްބާރުލުން ނުދޭ ކަމަށާއި އެ އިދާރާތަކުން މައުލޫމާތު ދިނުމުގައި ލަސްކުރަމުން ދާތީ މި މަސައްކަތް [ކޮމިޓީތަކުގެ މަސައްކަތް] ނިންމާލަން ކަނޑައަޅާފައިވާ ތާރީހަށް ނުނިންމުނު ކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.
އެންމެ ފުރަތަަމަ ކޮމިޓީތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ނިންމި ތާރީހަކީ މި މަހުގެ 15 ކަމަށާއި ނަމަވެސް މިހާރު މަސައްކަތްތައް ނިންމާލެވޭނެ ތާރީހަކީ މި މަހުގެ 20 ކަަމަށް އަދުރޭ ވިދާޅުވިއެވެ.