ކުރިން ޓްވިޓާ މިހާރު އެކްސް ޕްލެތް ފޯމްގައި އަލަށް ހަދާ ކޮންމެ އެކައުންޓަކަށް ލާރި ނަގަން ބިލިއަނަރު އަދި އެކްސްގެ ވެރިޔާ އީލޮން މަސްކް ނިންމައިފިއެވެ.
މަސްކް ބުނީ މި ބަދަލާއެކު ފަށާނީ ޕިލިޕީންސާއި ނިއުޒީލަންޑުން ކަމަށެވެ. އެގޮތުން ނަގާނީ ކުޑަކުޑަ އަދަދެއް ކަމަށާއި އެއީ އަހަރަކަށް 1 އެމެރިކާ ޑޮލަރު ކަމަށެވެ.
މި އާ ބަދަލު އެ ދެގައުމުން ފެށިނަމަވެސް ކުރިއަށް އޮތް ތަނުގައި އެކްސް ބޭނުންކުރާ ހުރިހާ ގައުމެއްގައި ވެސް އަމަލު ކުރާނީ އެގޮތަށް ކަމަށް ބުނެ އެކްސް އިން ބުނީ، ޕިލިޕީންސާއި ނިއުޒީލަންޑްގައި ފަށާއިރު އެކައުންޓެއް ހަދާ ޕޯސްޓެއް ކޮށްލެވޭނީ މަދުވެގެން 0.75 އެމެރިކާ ޑޮލަރާއި 0.85 އެމެރިކާ ޑޮލަރުގެ ޗާޖެއް ދެއްކުމަށް ފަހު ކަމަށެވެ.
އަދި ފައިސާ ދައްކަން އުޒުރުވެރިވާ ފަރާތްތަކަށް ހަމައެކަނި ކުރެވޭނެ ކަމަކީ ޕޯސްޓް ތައް ކިޔާލައި، ވީޑިއޯ ކްލިޕްސް ބަލާލައި، ފޮލޯކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.
އެކްސް އިން ބުނީ، މި ބަދަލާއެކި ސްޕާމަރުންނާއި ބޮޓުތައް މަދުވެގެން ދާނެ ކަމަށާއި އަދި ކުޑަކުޑަ ފީއަކަށް ވެސް އެ ޕްލެޓްފޯމް ބޭނުން ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
44 ބިލިއަން ޑޮލަރަށް މަސްކް ޓްވިޓާ ގަނެ ރީބްރޭންޑް ކޮށް އެކްސްގެ ނަމުގައި ހިންގަމުން ދާ އިރު، ކުންފުނި ގަތްތާ ކުރީކޮޅު ވަނީ އިސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވެސް ކޮށްފައެވެ. އަދި ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންޓެންޓް މޮޑަރޭޓް ކުރުން ދޫކޮށްލައި ކުރިން ހިލޭ ލިބޭ ބްލޫބެޖް ވެރިފިކޭޝަނަށް 8 އެމެރިކާ ޑޮލަރުގެ ޗާޖެއް ވެސް ދަނީ ނަގަމުންނެވެ. މީގެ އިތުރުން ގްރޭ ބެޖާއި، ގޯލްޑް ބެޖް ތައާރަފުކޮށް އިތުރު އަގުތައް ވެސް ދަނީ ނަގަމުންނެވެ.
އެކްސް އިން ބުނީ އަަލަށް ޗާޖް ކުރަން މި ފަށާ ހިދުމަތް، ކުރިން އެކައުންޓް ހުރި ފަރާތްތަކަށް އެޕްލައި ނުވާނެ ކަމަށެވެ.
ވިޔަފާރި ފުޅާކޮށް އާމްދަނީ އިތުރު ކުރުމުގެ ތަފާތު އުކުޅުތައް އެކްސް ގައި ތައާރަފު ކުރަމުން ދާ އިރު، އިޝްރިހާރު ކުރެވޭ މިންވަރާއި އިޝްރިހާރު ފެންނާނެ މިންވަރުވެސް ކަނޑައަޅާ ޗާޖްތަކެއް ނެގުމުގެ ހިޔާލުވެސް މަސްކު ގެންގުޅެއެވެ.
އެކްސް އަކީ ރާއްޖޭގައި ވެސް މަގުބޫލު ޕްލެޓްފޯމަކަށް ވާއިރު، ސައްހަ ނޫން ގިނަ މައުލޫމާތާއި އަދި ސައްހަ މައުލޫމާތު ހިމެނޭހެން އިންފްލުއެންޒަރުން އެ ޕްލެޓްފޯމް ބޭނުން ކުރާ ކަމަށް ދާދި އިހަށް ދުވަހު ނިމިދިޔަ އިންތިހާބާ ގުޅިގެން އީޔޫއިން ހެދި ދިރާސާގައި ދައްކާ ކަމަށް ބުނެފައި ވެއެވެ.