ޓްވިޓާ ބޭނުން ކުރާ މީހުންގެ ތެރެއިން 400 މިލިއަން މީހުންގެ މައުލޫމާތު ހެކްކޮށް ވަގަށް ނަގާފައި ވާ މައްސަލައެއް ފެންމަތިވެ ބަލަން ފަށައިފިއެވެ. މި މައްސަލަ ސަމާލުކަމަށް އައީ، ހެކް ކުރި މީހާ އޭގެ ތެރެއިން ބައެއް މައުލޫމާތު އާންމުކޮށް 200،000 އެމެރިކާ ޑޮލަރު ދޭން އެދުމުންނެވެ. ހެކް ކުރި މީހާ އާންމު ކުރީ އޭނާ އަތުގައި ހުރި މައުލޫމަތުން ކުޑަ މިންވަރެއް ކަމަށާއި އޭގެ ތެރޭގައި މަޝްހޫރު ބައެއް ފަންނާނުންގެ އީމެއިލް އާއި ފޯން ނަންބަރުވެސް ހިމެނޭ ކަަމަށް ބުނެއެވެ.

މި ކަމާ ގުޅިގެން ސައިބާ ސެކިއުރިޓީގެ ހަބަރުތައް ގެނެސްދޭ ނެތްވޯކްތަކުން ޓްވިޓާ އާ ސުވާު ކުރުމުން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައި ނުވާ ކަމަށް ބުނެއެވެ. އަދި އާންމުކޮށް ޓްވިޓާ އާ ގުޅޭ ކަންކަމުގައި ޓްވީޓް ކުރަމުން ގެންދާ، އެކުންފުނީގެ މިހާރުގެ ވެރިޔާ އެލޮން މަސްކް ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހެކްކޮށް މައުލޫމާތު ތަކެއް އާންމު ވި މައްސަލަ އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަނުން ބަލަން ފަށާފައި ވާ އިރު މައުލޫމާތުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ޓްވިޓާ އާ ސުވާލު ކުރާނެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ. ޑޭޓާ ލީކް ވުން ހިނގާއިފައި ވަނީ ޔޫރަޕްގައި ކަމަށް ވުމާއި ޓްވިޓާގެ ޔޫރަޕްގެ ހެޑްކުއާޓަރު ހުންނަނީ ޑަބްލިންގައި ކަމަށް ވުމުން މި މައްސަލަ ބަލާނީ އަޔަލޭންޑްގެ އިދާރާއިންނެވެ.

އެލަނިސްޓުން ބުނާ ގޮތުގައި، ހެކަރުގެ އަތުގައި ހުރި މައުލޫމާތުގެ ސައްހަކަން އަދި ކަށަވަރު ނުވި ނަމަވެސް ލީކް ކުރި މައުލޫމާތަކީ މީގެ ކުރިން ލީކް ވި 5.4 މިލިއަން މީހުންގެ ޑޭޓާގެ ތެރޭގައި ހުރި މައުލޫމާތު ނޫންކަން އެނގޭ ކަމަށެވެ.

މި ޑޭޓާ ހެކް ކުރި "ރަޔޫޝީ" ކިޔާ މީހާ ބުނެފައި ވަނީ ޓްވިޓާގައި ހުރި މައްސަލައަކުން ކޮމްޕިއުޓާ ޕްރޮގްރާމަރުންނަށް ޓްވިޓާ އާ ކަނެޓް ކޮށް، މައުލޫމާތުތައް ދަމައިގަނެވޭ ކަމަށެވެ. ޓްވިޓާ އިން ވަނީ ސިސްޓަމްގައި ހުރި މައްސަލައެއް ފެންމަތިވެގެން މިއަހަރުގެ ތެރޭގައިވެސް ހައްލު ކޮށްފައެވެ. އެހެން ކަމުން، މި ހެކަރު މައުލޫމާތުތައް ދަމައިގަތީ، އޭގެ ކުރިން، މަސްކް ޓްވިޓާ ގަތުމުގެ ވެސް ކުރިން ކަމަށް ބެލެވޭ ކަމުގައި އެނަލިސްޓުން ވަނީ ބުނެފައެވެ.

ޑޭޓާ ލީކްގެ މައްސަލަ ސޯޝަލްމީޑިއާ ގެ ބޮޑެތި ކުންފުނިތަކަށް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. މީގެ ކުރިން ފޭސްބްކް ހިންގާ މެޓާ ކުންފުނީގެ 533 މިލިއަން މީހުންގެ މައުލޫމާތު ލީކްވި މައްސަލައެއްގައި އެކުންފުނި 276 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރިއެވެ.