ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓްގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ 49 މެމްބަރުންގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މަޖިލީހުގެ ރައީސަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށާއި ކޮންމެ މެންބަރަކަށް ބަހުސް ކުރައްވަ ތިން މިނިޓް ދިނުމަށް ހުށަހެޅުއްވާފައެވެ.

މި ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ނަޝީދަށް ޖަވާބުދާރީވެވަޑައިގަތުމަށް ދެ ގަޑިއިރު ދިނުމަށް އެދިވަޑައިގެންފައެވެ. އާޒިމް ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށްވުރެ ދިގުވެގެންނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މާއްދާގެ މުރާދަކީ އެ މައްސަލާގައި މެންބަރުން ވާހަކަދައްކަވާ ބަހުސްކުރައްވަން އޮންނަ ވަގުތު 3 ގަޑިއިރަށްވުރެ އިތުރުނުވުން ކަމަށެވެ. އޭގެ ތެރޭގައި ރައީސް ދައްކަވާ ވާހަކަތައް ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކައަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، ބަހުސް ކުރުމުގެ އިތުރަށް ޖަވާބުދާރީވުމަށް ވަގުތު ދެވޭނެ ކަމަށާއި ގަވާއިދުގައި ވަކި ގޮތަކަށް ކަމެއް ކުރަން ބުނެފައި ނެތުމަކީ އެކަމާ މެދު ކޮމިޓީން ގޮތް ނިންމޭނެ ކަމެއް ކަމަށެވެ.

އާންމު ކޮމިޓީގައި ކުރި މަޝްވަރާތަކަށްފަހު، ވޯޓަށް އެހުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 6 މެންބަރުންގެ ތެރެއިން 4 މެންބަރުންގެ ތާއީދާއެކު ފާސްވީ ޝާހިދު ހުށަހެޅުއްވި ގޮތަށް ޖަވާބުދާރީވެވަޑައިގަތުމުގެ ވަގުތު ކަނޑައެޅުމަށެވެ.

މިގޮތުން މިމައްސަލައިގެ ޖުމްލަ ބަހުސަށް ދެ ގަޑިއިރު ދިނުމަށް ނިންމާފައިވާއިރު ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ބަހުސްގައި ކޮންމެ މެންބަރަކަށް ވާހަކަދައްކަވަން 3 މިނިޓެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލީހުގެ އެންމެހާ ކަންކަން ހިންގާނީ މަޖިލީހުގެ ރައީސް ކަމަށާއި، ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ މާއްދާ އާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

ނަޝީދަށް އިތުބާރު ނެތް ކަމަށް އަލުން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރުކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށެވެ.

ތަކުރާރުކޮށް ނަޝީދު މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް އަމަލުކުރައްވަމުން ދާ ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެންބަރުންގެ ސޮޔާ އެކު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަވައިފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާކުރެވެމުން ދަނިކޮށެވެ.