އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިއަދު ވައިގެ މަގުންވެސް ކުރިއަށް ގެންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މަހަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ ދަނގެތި، މޫންލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހީމެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރުކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ އިދާރާއަށް މައުލޫމާތު ލިބުނު ގޮތުގައި ޔޫސުފް އިބްރާހީމް އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި ބަޔަކަށް ފެނިފައިވާ ކަމަށެވެ. މި ދޯނިން މަހަށް ދިޔަ ޔޫސުފް އިބްރާހީމް ގެއްލުނުއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ ޔޫސުފް އިބްރާހީމް ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ.ދަނގެތީގެ ޑައިވަރުންނާ ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާއިރު ކަނޑުމަގުން އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތަކުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މީގެ އިތުރުން ޑޯނިއާ އެއާކްރާފްޓްވެސް ދަނީ މިއަދު ވައިގެ މަގުންވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފް ވަނީ އިން ބުނެފައެވެ.

އެމްއެންޑީއެފް އިން ވަނީ ޔޫސުފް އިބްރާހީމް އާއި ބެހޭ އެއްވެސް ހަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި ޔޫސުފް އިބްރާހީމް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ގުޅުމަށްވެސް ވަނީ އެދިފައެވެ.