ފަލަސްތީނުގެ ގާޒާގެ އާބާދީއަށް ބަލައިލީމައި އެމީހުން ކުރިމަތިލާން ޖެހިފައިވަނީ އަދި ކުރިމަތިލައިފައި ވާ އުދުވާންތައް ވަޒަން ކޮށްލަން އެނގެެވެ.

2.3 މިލިއަންގެ އާބާދީގެ 50 ޕަސެންޓަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. އޭގެ މަތީ އުމުރު ފުރާގެ އަދަދު ބޮޑުތަނުން މަދުވެފައި ވުމުގެ މާނައަކީ އިޒްރޭލުގެ އެތައް އުދުވާނަކާ ކުރިމަތިލައި ގިނަ ބަޔަކު މިދުނިޔެއާ ވަކިވެފައި ވުމެވެ.

އާބާދީއެއްގެ އިތުރުން ނަސްލެއް ނެތިކޮށްލުމުގެ ގަތުލުއާންމެއް ޔަހޫދީ އިޒްރޭލުން ހިންގާ އިރު، މިއަދަށް ހަފްތާއެއް ވި، ހިނގަމުންދާ ހަމަނުޖެހުންތަކުގައި ވެސް ފަލަސްތީނުގެ 1900 މީހަކު ޝަހީދު ކޮށްލައިފިއެވެ. ޒަހަމްވި މީހުންގެ އަދަދު 7،696 އަށް އަރައިފިއެވެ.

މިހާރު ކުރިއަށް ދަނީ ފާއިތުވި 15 އަހަރު ތެރޭގައި އިޒްރޭލުން ހިންގާ އެންމެ ބޮޑު އުދުވާން ކަމަށް ވާ އިރު، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ގާޒާއަށް ދަނީ ހަމަލާ ދެމުންނެވެ. ފަލަސްތީން ވަށާ ބައްދާލައި، ބޯފެނާއި ކަރަންޓާއި ކާބޯތަކެއްޗާއި ބޭސް ލިބުން ހުއްޓުވައި ވަށައިގެން ބޮމާއި މިސައިލް އޮއްސަމުން ދާ އިރު ފަލަސްތީނުގެ ކޮންމެ ކުއްޖަކީ، އެއިން ކޮންމެ ބޮމަކާއި މިސައިލަކީ އެމީހުންގެ މުޅި ދިރިއުޅުމާއި އުފާތައް ނިގުޅައިގަންނަ މިސައިލަކާއި ބޮމެއް ކަމަށް ބުނެފައެވެ.

އެއިން ކޮންމެ ކުއްޖަކަށް އެކަން ސާފެވެ. ހަމަލާތަކުގައި ފުރާނަ ދިޔަޔަސް، އަދި ޒަހަމްވެ އާއިލާތައް ހުރި ގޮތަށް ނުކުޅެދޭ މީހުންނަށް ވިޔަސް އަދި ލިބޭ އަނިޔާއަށް ކެތް ނުކުރެވި ގިސްލާ ރޮވުނަސް ހަގީގަތަކީ އެއީ ކަމާއި، ޔަހޫދީންގެ ނުބައި ނުލަފާކަން އެކުދިންނަށް ސާފުކޮށް އެނގެއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައި ގާޒާގައި ދިރިއުޅޭ ތުއްތު ކުދިން / ފޮޓޯ: އަލްޖަޒީރާ

ސޭވް ދަ ޗިލްޑްރަން އިން މިދިޔަ އަހަރު އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުން ގާޒާގެ ކޮންމެ 5 ކުއްޖަކުން 4 ކުދިންނަކީ، ޑިޕްރެޝަނާއި، ބިރާއި ހިތާމައިގައި ދިރިއުޅޭ ކުއްޖެކެވެ. ބޮޑެތި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އެމީހުންގެ ތުއްތު ދަރިން ތަހަންމަލް ކުރަމުން ދާ ވޭނާއި ކެކުޅުމާއި ރުއިމާއި ނަފްސާނީ އަސަރުތަކުގެ ސަބަބުން ހިތަށް ކެތް ނުވެ އަމިއްލައަށް މަރުވުމުގެ ހިޔާލާތު ގެންގުޅޭ މީހުންނެވެ. ނަމަވެސް އަމިއްލައަށް މަރުވުން އެމީހުންނަށް މިހާރު ވަނީ މަހުރޫމް ވެފައެވެ.

އެމީހުންނަށް ޔަގީންވާ އެއް ކަމެއް އޮވެއެވެ. އަމިއްލަ އަށް މަރުނުވިޔަސް އެމީހުން ޝަހީދު ކޮށްލަން ޔަހޫދީން އަންނާނެ ކަމެވެ. އެހެންކަމުން އެ ހިޔާލާތު އަޔަސް އެއީ ބޭކާރު ހިޔާލާތެއް ކަމުގައި ދެކި އެމީހުންގެ ވަޒަނާއި މައިންނާއި ޅަދަރިންގެ ހައްގުގައި ހަށިފޮޅާލައި ތެދުވެވޭތޯ މަސައްކަތް ކުރެއެވެ.

ފާއިތުވި ހޮނިހިރުން މި ހޮނިހިރަށް މިވީ ހަފްތާއެއްގެ ތެރޭގައި ޔަހޫދީން ވަނީ ފަލަސްތީނުން 500 ކުޑަކުދިން ޝަހީދު ކޮށްލާފައެވެ. އެއިން ކޮންމެ ކުއްޖެއްގެ ފުރާނަ ނެތް މަސްގަނޑު ދިރިތިބި ކުދިންގެ ކުރިމަތިން އުފުލަމުން ދާ އިރު އެކުދިންގެ ހިތްތައް ބިރާއި، މޮޅިން އަދި އަސަރާއި ހިތާމައިން ފުރިގެން ދާ އިރު އެކުދިންގެ މައިންބަފައިންގެ ހިތްވަރަކީ ސާބަސް ހައްގު ހިތްވަރެކެވެ. ކޮންމެ ވަގުތަކާއި ދުވަހެއް ހޭދަކުރަން މަޖުބޫރު ކުރުވާފައި ވަނީ، އެމީހުންގެ ތުއްތު ދަރިންނަށް ހާލަތާ މެދު ހިތްވަރު ކުރުމަށް ދަސްކޮށް ދިނުމާއި ﷲ ވޮޑިގެން ވާކަަން ހަނދާން ކޮށްދިނުމުގައެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައި ގާޒާގައި ދިރިއުޅޭ ތުއްތު ކުދިން / ފޮޓޯ: އަލްޖަޒީރާ

4 ކުދިންގެ މަންމަ އުމުރުން 35 އަހަރުގެ ސަމާހް ޖަބަރު ބުނީ، އޭނާގެ އެންމެ ދޮށްޓަށް ހުންނަ އުމުރުން 13 އަހަރު ގުސޭ، ބާރު އަޑެއް އިވޭ އިރަށް ފުންނަ ފުންމައިގެން ދާ ކަމަށާއި މީހަކު ބާރަށް ހީގަތަސް ހާލަތީ އެއީ ކަމަށެވެ.

"އަހަރެން މަސައްކަތް ކުރަމުން ދަން އޭނާ ހަމަޖެއްސޭތޯ، ބުނެދޭން މި ހަނގުރާމަ ނިމޭނެ ކަމަށް"
ސަމާހް ޖަބަރު

އޭނާ ބުނީ، ގުސޭ އޭނާގެ ގަޔާލާ ވަރަށް ގިނައިން ބައްދާލާ ހިތްހެޔޮކާމާއި މަޑުމޮޅި ކަމާއެކު ވާހަކަ ދައްކާ ކަމަށާއި ހަނގުރާމަ އަށް ފަހު ކުރާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށް ހަދާ ކަމަށެވެ. ބޭނުމަކީ ގުސޭ ހިތްހަމަ ޖައްސައި ދީ ކަޑައްތު ކުރަމުން ދާ ހާލަތުން ނެރެދިނުން ކަމަށް ބުންޏެވެ.

"ބޯމަތިން އެދާ މިސައިލްތަކުގެ އަށުފައްގަނޑަކީ ބިރުވެރި އަޑުތަކެއް، ކޮންމެ ފަހަރަކު އަހަރެމެންގެ ގެ ގުޑުވާލައި" އޭނާ ބުންޏެވެ.

އޭނާ ބުނީ މިސައިލް އަންނަ އިރު އޭގެ އަލިން އެއީ މިސައިލެއްކަން ދެނެގަންނާނެ ގޮތް އޭނާގެ ކުދިންނަށް ދަސްކޮށްދީފައި ވާ ކަމަށާއި މިސައިލް ގޮވާއިރު އެ އުފެދޭ ބާރު އަޑުފައްގަނޑުން ކަންފަތް ހަލާލުވިޔަ ނުދޭނެ ހަދަންވީ ގޮތްތައް ވެސް ކިޔައިދޭ ކަމަށެވެ.

ދެކުނު ބިތުގެ ރަފާ ސިޓީގައި ދިރިއުޅޭ އުރުރުން 30 އަހަރުގެ އަހްލާމް ވާދީ ބުނީ އޭނާގެ ދަރިފުޅު އުމުރުން 10 އަހަރުގެ އުމަރު ނިދަން އޮންނަނީ ދެކަންފަތުގައި އަތްއަލައިިގެން ކަމަށެވެ. އޭނާގެ ހާލަތަކީ މިސައިލާއި ބޮމުގެ އަޑުތަކުން ކުރިމަތިވެފައި ވާ ހާލަތެއް ކަމަށާއި އެކަމުން އޭނާ ދުރުކުރެވޭތޯ އަބަދުވެސް ކައިރީގައި ހުރެ ވާހަކަ ދައްކާ ހަދާ ކަމަށެވެ. ނަމަވެސް ބިރުގަންނަނީ ތާއަބަދު އެ އަޑުތައް އެހެން އިވެން ވެއްޖެ ނަމަ ދަރިފުޅުނު ނަފްސާނީ ކަމުގެ ތެރޭގައި ހަލާކުވެ ހިނގައިދާނެތީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ވާދީ ބުނީ، އޭނާ އާއި ހުރިހާ ދަރިން އަދި ފިރިމީހާވެސް ދިރިއުޅެނީ 1 ކޮޓަރީގައި ކަމަށާއި، އެމީހުންގެ ހާލަތުގެ ސަބަބުން، ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވިޔަ ނުދިނުމަށް ފިރިމީހާ އޭނާގެ ކުޑަ އިރުގެ ވާހަކަތައް ވެސް ދަރިންނަށް ކިޔައިދީ ހަދާ ކަމަށެވެ.

"ފިރިމީހާ ބުނާނެ، އޭނާ ކައިވެނި ކުރުމުގެ ކުރިން ހަމަ މިއަދު އެދިމާވާ ހާލަތު ފަދަ ހާލަތެއްގައި އުޅުނު ކަމަށާއި ނަމަވެސް ބައްޕަ އަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށް"
އަހްލާމް ވާދީ

އިތުރަށް އޭނާ ބުނީ، ދެވަނައަށް ހުންނަ އުމުރުން 7 އަހަރުގެ ސައީދު އޭނާ ކުރެން އަހާ ސުވާލެއް އޮންނަ ކަމަށާއި އެއީ މަންމަވެސް އެހާ ހިތްވަރުގަދަތޯ އަހާ ކުރާ ސުވާލު ކަމަށެވެ.

"ޖަވާބުގައި އަހަރެން ބުނަން، މަންމަވެސް ހިތްވަރު ގަދަ ކުރެވޭތޯ ބަލާ ކަމަށް، އަދި އަހަރެން އެންމެ ކަންބޮޑުވަނީ އެ ދަރިންގެ މުޅި އުމުރަށް ޕެނިކް އެޓޭކްތައް ތަހަންމަލް ކުރަން ޖެހިދާނެތީ" އޭނާ ބުންޏެވެ.

ގާޒާ ސިޓީގައި ދިރިއުޅޭ މަނާލް ސާލިމް ބުނީ، އޭނާގެ 3 ދަރިން ތިބޭ ކަމަށާއި ކޮންމެ ދުވަހަކު ހޭލައިގެން އެކުދިންނަށް އިވުނު އަޑުތަކާއި ދިމާވި ކަންކަމުގެ ވާހަކަ ކާފަ އާއި މާމަ އަށް ގުޅާ ކިޔައިދޭން ބުނާ ކަމަށެވެ.

"އެއާއެކު މަންމަމެން އެކުދިންނަށް ވިސްނައި ދެމުން ގެންދާނެ، މިހާލަތު ވަރަށް އަވަހަށް ނިމި ހަނގުރާމަ ހުއްޓި އަލުން އުފަލުގައި އެކުގައި އުޅެވޭނެ ކަމަށް، އަދި އެކުދިން މަންމަމެން ގާތު ބުނާނެ ކާފަ އާއި މާމަ ސަލާމަތާއި ރައްކާތެރި ކަމުގައި ތިބުމަށް، އޭރުންނޭ އެ ކުދިންނަށް ކާފަމެނާ ބައްދަލު ވާނީ"
މަނާލް ސާލިމް

ސާލިމްގެ އަހަރުގެ އަންހެން ދަރިފުޅަށް ކުރިމަރިވެފައި ވާ ހާލަތު ބަޔާން ކުރަމުން ބުނީ، އޭނާގެ ބައްޕަ އަކީ އަލް ޝިފާ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށާއި ކޮންމެ ދުވަހަކު ބައްޕައަށް ގެއަށް ނާދެވޭތީ ކަންޑުވެފައި ހުންނަ ކަމަށެވެ. އަލް ޝިފާ ހޮސްޕިޓަލަކީ މިހާރު އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވެ އަދި ޒަހަމްވެ ގިނަ އަދަދެއްގެ ބަޔަކު ގެންދާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލް މިހާރު ވަނީ ފުރިފައެވެ. މީހުންގެ ރުއިމުގެ އަަޑާއި ހާސްކަން ވަށާލާފައި ވާ އިރު ހޮސްޕިޓަލްގެ ދޮރުމަތި ފުރިފައިވަނީ ޝަހީދުވެފައި ވާ ފަލަސްތީނުގެ ކުދިބޮޑު އެތައް ބައެއްގެ ހަށިޔަކުންނެވެ. ވައްދާނެ ތަނެއް،، ބާއްވާނެ އެނދެއް ނެތި ގިނަ ބަޔަކު ތަޅުން މަތީގައި ތިބި އިރު ތުއްތު ތުއްތު ކުދިންނަށް ވެސް ފަރުވާ ދެމުން ދަނީ ތަޅުން މަތީގައެއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައި ގާޒާގައި ދިރިއުޅޭ ތުއްތު ކުދިން / ފޮޓޯ: އަލްޖަޒީރާ

އިޒްރޭލުން ބޭހާއި އެނޫންވެސް ޒަރޫޒީ ތަކެތި ހުއްޓުވާފައި ވުމުން، ހޮސްޕިޓަލުން ބޭސް ހުސްވެ ފަރުވާ ދިނުމުން ހުއްޓިދާނެ ކަމުގެ އިންޒާރުތައް ޑޮކްޓަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދެމުން އަންނަ އިރު ކަރަންޓް ކަނޑާލާފައި ވުމުން މިވަގުތަށް ހަމަޖައްސަމުން ގެންދަނީ އިމަޖެންސީ ޖަނަރޭޓަރުތަކުގެ ބޭނުން ކޮށްގެންނެވެ. ނަމަވެސް އިޒްރޭލުން ވަނީ ގާޒާއަށް ތެޔޮ އެތެރެ ކުރުންވެސް ހުއްޓުވާފައެވެ. އެހެން ކަމުން ޖަނަރޭޓަރުތައް ނިމި ހުއްޓޭކަށް ދެން ގިނަ ދުވަހެއް ނެތް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ.

"މައި (6އ.) ބުނާނެ ބައްޕަ ގައިގައި މިސައިލަކުން ޖެހުނީހޭ، ބައްޕަ ނާދޭ ގެއަކަށް، އަހަރެން ބުނަން ބައްޕަ ރަނގަޅޭ، ބައްޕަ އުޅެނީ ބަލިމީހުންނަށް އެހީވާށޭ، ބައެއް ފަހަރު ފޯނުވެސް ކޮށްދެން، ބައްޕައާ ވާހަކަ ދެއްކޭ ފަހަރާއި ނުދެއްކޭ ފަހަރު ދޭ، ބުނެދޭން، ބައިވަރު ބަލިމީހުން ގެންނާތީ ބައްޕަ ބިޒީ ވަނީ ކަމަށް" އޭނާ ބުންޏެވެ.

ހާން ޔޫނުސްގައި ދިރިއުޅޭ ރަވާންދް ހަަލަފްގެ 5 ކުދިން ތިބެއެވެ. އެއީ އުމުރުން 9 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ. އެކުދިންގެވެސް ހާލަކީ ހަމަ އެހެން ކުޑަކުދިން ފަދައިން އެ ނާމާން ކަމާއި ބިރުވެރިކަމުގައި ވާ ހާލަތަކެކެވެ. ހަލަފު ބުނީ، އޭނާ ދަރިން މަސަލަސް ކުރުމަށް ގިނަގިނައިން ވާހަކަ ދައްކާ އެކުދިންނާއެކު ކުޅެ ވަގުތު ހޭދަކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާ ކަމަށެވެ.

"އަހަރެން އެކުދިންނާއެކު ކޮޓަރީގައި އެކުދިން ގެންގުޅޭ އެއްޗެހިން ގޭމް ކުޅެ ހަދަނީ، އޭރުން މިސައިލްތަކާއި ބޮންތަކުގެ އަޑުތަކަށް އެކުދިންގެ ސަމާލުކަން ކުޑަވާނެ"
ރަވާންދް ހަލަފް

އޭނާގެ އެންމެ ދޮށީ ދަރި އާއިއު ބުނީ، މިސައިލްތަކާއި ބޮންތަކުން ގޮވާ ފުނޑުފުނޑުވެ ވެއްޓިފައި ވާ އިމާރާތްތަކުގެ ދަށުވެފައި ތިބޭ ތުއްތު ކުދިންނާއި ލޯމަތީގައި ޝަހީދުވެ ދާ ކުދިންގެ އަސަރުތައް އޭނާގެ ހިތަކުންވެސް އަދި ސިކުނޑިއަކުންވެސް ނުދާ ކަމަށެވެ. އަދި ޒަހަމްތަކާއެކު ރޮއެ ރޮއެ ގިސްލެވެމުން ދާ ކުދިން މިހާރުވެސް ފެންނަހެން ހީވާ ކަމަށް ބުނެފައި ވެއެވެ.

"އެމީހުން [ޔަހޫދީން] އަހަރެމެންގެ ހުރިހާ އެއްޗެއް އަތުލައިފި، އެހާ ތުއްތު ކުދިން މިސައިލްގެ ޝިކާރައަކަށް ވާންވީ ކީއްވެ" އޭނާ ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައި ގާޒާގައި ދިރިއުޅޭ ތުއްތު ކުދިން / ފޮޓޯ: އަލްޖަޒީރާ

ބައިތް ހަނޫންގައި 6 ކުދިންނާއެކު ދިރިއުޅޭ ނާއިމާ ފަރެސް ބުނީ، ވަށައިގެން ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ފުނޑުފުނޑުވެފައި ވާ އިމާރާތްތަކާއި މީހުންގެ ރުއިމުގެ އަޑާއި އަޅާ ވޭނަށް ކެތް ނުކުރެވި ހަޅޭލަމުން ދާ މީހުންގެ ހަޅޭކުގެ އަޑު ކަމަށެވެ.

އަދި ގެއިން ނިކުމެ ވަންނާނެ ވަކި އަމާންތަނެއްވެސް ނެތް ކަމަށާއި، އެހެން ކަމުން އޭނާ ދަރިންނަށް ވިސްނައިދެނީ ގެއަށް ވުރެ އަމާން ވަކި ތަނެއް ނެތް ކަމަށެވެ.

"ނަމަވެސް މި ހަނގުރާމަ އަހަރެމެން ފޭރިގަންފި، ދެވަނަ ދުވަހު ގެއިން ނިކުމެގެން ދިޔައީ ހެދުން ބަދަލުކޮށްލާނެ ވަގުތުވެސް ނެތި، ބޯ މައްޗަށް މިސައިލްތައް ވެއްޓެމުން ދިޔައީ"
ނާއިމާ ފަރެސް

އެމީހުން މިހާރު ތިބީ އދ އިން ހިންގާ ސްކޫލެއްގައި ހިޔާވަހިކަން ހޯދައިގެންނެވެ. ގެއިން ނިކުންނަކުން ގެންދެވުނީ އިމަޖެންސީ ހާލަތުގައި ބޭނުން ކުރަން ތައްޔާރު ކޮށްފައި ހުންނަ ދަބަސްގަނޑެއް އެކަންޏެވެ.

ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ އދ އޮފީސް (އޯސީއެޗްއޭ) އިން ބުނީ، އިއްޔެ އާ ހަމައަށް 400،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އދ ގެ ސްކޫލުތަކަށް ގޮސްފައި ވާ ކަމަށެވެ.

މިދިޔަ ހޮނިހިރުގައި ފެށި ހަމަލާތައް ހަފްތާއަކަށް ދިދުދެމިގެން ދިޔަ އިރު، ގާޒާގެ 3500 މަގާމަކަށް އިޒްރޭލުން 6000 ބޮން ވަނީ އަޅާފައެވެ. އަދި މިސައިލް ހަމަލގެ އިތުރުން ޑްރޯން ހަމަލާތައް ވެސް ދަނީ އަމާޒު ކުރަމުންނެވެ.

ގާޒާގެ ރެފިއުޖީ ކޭމްޕްތަކާއި މީހުންގެ އަދަދު؛

  • ބެއިތް ހަނޫން ރެފިއުޖީ ކޭމްޕަކީ، 444،000 މީހުން ދިރިއުޅޭ ކޭމްޕެއް
  • ގާޒާ ސިޓީގައި 750،000 މީހުން ދިރިއުޅޭ
  • ދައިރް އަލް ބަލާ ކޭމްޕްގައި 320،000 މީހުން ދިރިއުޅޭ
  • ހާން ޔޫނުސްގައި 430،000 މީހުން ދިރިއުޅޭ
  • ރަފާ ކޭމްޕުގައި 275،000 މީހުން

ގާޒާގެ އުތުރުގައި އުޅޭ 1.1 މިލިއަން މީހުން ވަޒަނުން ނިކުންނަށް އިޒްރޭލުން އިންޒާރު ދީ 24 ގަޑި އިރުގެ މުހުލަތު ދިނުމަށް ފަހު މިހާރު ވަނީ އެއްގަމު މަގުން އަރާފައެވެ. ބަރު ހަތިޔާރާއެކު އެ ބިތަށް އަރާ ގެއަކަށް ފަހު ގެއެއް ބަލައި ފާސްކޮށް ހަމަލާ ދެމުން އަންނަ އިރު މިއީ ބާ ސިންގާ ގަތުލުއާންމެއް ކަމަށް ފަލަސްތީންގެ ސަރުކާރުން ބުނެއެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި މުޅި ސިޓީ ފުނޑުފުނޑުކޮށް ހިންގާ އެ ޖަރީމާ ބަލައިނުގަނެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އދ، ރަޝިއާ، ޗައިނާ ފަދަ ގައުމުތަކުންވެސް އެ މޭރުމުން ވާހަކަ ދައްކާފައި ވީ ނަމަވެސް އެކަން ހުއްޓުވުމަށް އަމާލީ ގޮތުން ކުރާ މަސައްކަތެއް ނުފެނެއެވެ. އެމެރިކާ އާއި އިންޑިއާ އަދި ޔޫރަޕްގެ ގައުމުތަކުން އިޒްރޭލަށް ތާއީދު ކުރާ އިރު، އދ ގެ އާންމު މަޖިލީހުންވެސް އެކަމުގައި ފިޔަވަޅެއް ނޭޅެއެވެ. އިޒްރޭލުގެ ހަމަލާތައް ކުށްވެރި ކުރުމަށް ވެއްދިހާ ގަރާރުތައް ވަނީ އެމެރިކާއިން ވީޓޯ ކޮށް ބޭރުކޮށްލާފައެވެ.

(ކ-ވ): ޓްރޫޑޯ، ބައިޑަން އަދި މޯދީ - ޖީ20ގެ ހަވާސާގައި ބައްދަލުކުރައްވަނީ

ހިފެހެއްޓުމެއް ނެތް ތާއީދު އިޒްރޭލަށް ދޭނެ ކަމަށް އެމެރިކާއިން ބުނެފައި ވާ އިރު އިނގިރޭސިވިލާތާއި، ފްރާންސާއި ޖަރުމަން އަދި އީޔޫއިން ވެސް ވަނީ އެގޮތަށް ތާއީދު ދިނުމުގައި ދެމިތިބިކަން ހާމަ ކޮށްފައެވެ. އެހެން ކަމުން ޔަހޫދީ އިޒްރޭލުން ބޭނުން ކޮންމެ ކަމެއް ބޭނުން ކޮންމެ ދަރަޖައެއްގައި ހިންގަމުން ގެންދަނީއެވެ. ހަނގުރާމައިގައި ބޭނުން ކުރުން މަނާ ހަތިޔާރުވެސް ބޭނުން ކުރަނީއެވެ. ފޮސްފަރަސް ބޮން އަޅާ، އާންމުންގެ ގަޔަށް ބަޑިޖަހާ މަރަނީއެވެ. ހޮސްޕިޓަލްތަކާއި ނޫސްވެރިންނަށް ވެސް ހަމަލާ ދެނީއެވެ.

ހަމާސްގެ ކޮންމެ މީހަކީ "ޑެޑް މޭން ވޯކިން" [މަރުވެފައި ވާ މީހެއް] ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވާ ފަދައިން ގާޒާ އެއްކޮށް ފުނޑުފުނޑު ކޮށްލަނީއެވެ.

މި ކޮންމެ ހަމަލާއަކީ، ގާޒާގެ މިއަދުގެ ތުއްތު ކުދިންނާއި ކުޑަކުދިންނާއި އުމުރުން 18 އަހަރު ނުވާ ޒުވާނުންގެ ލެއިން އަގު ދައްކަން ޖެހޭ ނުރައްކާ ހަމަލާ އަކަށް ވާއިރު ގާޒާ އެދި ގޮވަނީ އެހީއަށެވެ. ދުއާ އަށެވެ. ﷲ ހެޔޮ ރަހުމަތާއެކު މިނިވަން ވުމަށެވެ.