އައްޑޫ ސިޓީ މީދޫގައި ރަންރިހީގެ މަސައްކަތް ކުރާ ވޯކްޝޮޕަކުން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރަންރިހީގެ މަސައްކަތް ކުރާ ވޯކްޝޮޕުން ވައްކަންކުރި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 34 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ އިރު މި މައްސަލަ ފުލުހުން އަންނަނީ އިތުރު ތަހުގީގު ކުރަމުންނެވެ.

މި ދުވަސްކޮޅު އައްޑޫ ސިޓީ މީދޫގައި ވައްކަމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު އައްޑޫ ސިޓީ މީދޫ އަވަށު އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ. އަދި ވައްކަމުގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓް ކުރުމަށްވެސް އެ އޮފީހުން ވަނީ އެދިފައެވެ.