ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ ގުޅިގެން އެމަނިކުފާނަށް މިއަދު ނޯޓިސް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ އެމްޑީޕީގެ 49 މެންބަރުން ސޮޔާ އެކީ މަޖިލީހަށް ވައްދާފައިވާ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގެ ދަށުން ނަޝީދަށާއި މެންބަރުންނަށް ފޮނުވާފައިވާ ކަމަށެވެ. ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ. އަދި 14 ދުވަހުގެ މުއްދަތު ހަމަވެ، މި މަހުގެ 29 ގައި ޖަލްސާއެއް ބާއްވާ، އެ ގަރާރު އެޖެންޑާ ވެސް ކުރަން ޖެހެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ 49 މެމްބަރުންގެ ސޮޔާއި އެކު އެމައްސަލަ މަޖިލީހަށް ވެއްދީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލީހުގެ އެންމެހާ ކަންކަން ހިންގާނީ މަޖިލީހުގެ ރައީސް ކަމަށާއި، ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ މާއްދާ އާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދަށް އިތުބާރު ނެތް ކަމަށް އަލުން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރުކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށެވެ.
ތަކުރާރުކޮށް ނަޝީދު މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް އަމަލުކުރައްވަމުން ދާ ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެންބަރުންގެ ސޮޔާ އެކު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަވައިފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާކުރެވެމުން ދަނިކޮށެވެ.