ހުންނެވީ އެމްޑީޕީއާއެކު ގަދަކޮށް ކަމަށާއި އެމްޑީޕީ ނޫން ޕާޓީއަކަށް އަދި ދުވަހަކު ވެސް ސޮއި ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މެންބަރު ގަފޫރު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ ދޫކުރައްވާ ޕީއެންސީއަށް ސޮއިކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފަތުރަމުން ދިޔުމާ ގުޅިގެންނެވެ.

މެންބަރު ގަފޫރު އެމްޑީޕީ ދޫކުރައްވައިފި ކަމަށް ވިދާޅުވެ އެކްސްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ޝިފާޒް ވަނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވާނެ ތޯ އައްސަވާފައެވެ. އަދި މެންބަރު ގަފޫރަށް މަރުހަބާ ވިދާޅުވެފައި ވެއެވެ.

އެ ޕޯސްޓްގައި ޝިފާޒް ހިއްސާ ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މެންބަރު ގަފޫރު ފޯމެއްގައި ސޮއި ކުރައްވާ މަންޒަރެވެ. އެ ފޯމަކީ ޕީއެންސީގެ ލޯގޯ ޖަހާފައިވާ ފޯމަކަށް ވާއިރު، ގިނަ ބަޔަކު އަންނަނީ މެންބަރު ގަފޫރު ޕީއެންސީއާ ގުޅިވަޑައިގެންފި ކަމަށް ބުނަމުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މެންބަރު އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވަނީ މެންބަރު ގަފޫރު އެމްޑީޕީން ވަކިވެވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންފި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ.