ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އެމްޑީޕީ ދޫކުރައްވާ ޕީއެންސީއަށް ސޮއިކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހައަކީ ދޮގެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ގަފޫރު އެމްޑީޕީ ދޫކުރައްވައިފި ކަމަށް ވިދާޅުވެ އެކްސްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓްގައި ޝިފާޒް ވަނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވާނެ ތޯ އައްސަވާފައެވެ. އަދި މެންބަރު ގަފޫރަށް މަރުހަބާ ވިދާޅުވެފައި ވެއެވެ.

އެ ޕޯސްޓްގައި ޝިފާޒް ހިއްސާ ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މެންބަރު ގަފޫރު ފޯމެއްގައި ސޮއި ކުރައްވާ މަންޒަރެވެ. އެ ފޯމަކީ ޕީއެންސީގެ ލޯގޯ ޖަހާފައިވާ ފޯމަކަށް ވާއިރު، ގިނަ ބަޔަކު އަންނަނީ މެންބަރު ގަފޫރު ޕީއެންސީއާ ގުޅިވަޑައިގެންފި ކަމަށް ބުނަމުންނެވެ.

މި ކަމާ ގުޅިގެން ޕީއެންސީގެ ބަހެއް އަދި އެމްޑީޕީގެ ފަރާތުން ވެސް ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުގައި މެންބަރު ޝިފާއު ވަނީ މެންބަރު ގަފޫރު އެމްޑީޕީން ވަކިވެވަޑައިގެން، ޕީއެންސީއާ ގުޅިވަޑައިގެންފި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ.