ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރި ފަރާތްތަކަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސަތްތަކުގެ ތެރެއިން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކޮށްފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތަށް އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ، މި މެސެޖު ފޮނުވަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. މި މެސެޖުތަކުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ބްރިޖާއި ހައިވޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓް ތަކެއް އަންނަނީ ހިނގަމުންނެވެ. ފުލުހުން އަންނަނީ ބާރަށް ދުއްވާ އުޅަނދުތައް ބަލައި، ހުއްޓުވުމަށް ސްޕީޑް ގަންގެ ވެސް ބޭނުން ކުރަމުންނެވެ.